ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރާކަން ހާމަކުރި 100 ދީނީ އިލްމުވެރިން ދެވަނަ ބުރުގައި ވެސް އެ ބޭފުޅުންގެ ތާއީދު މުއިއްޒަށް އޮތްކަން ހާމަކޮށް ތާއީދު އާ ކުރައްވައިފިއެވެ.
މި އިލްމުވެރިން ފުރަތަމަ ބުރަށް އެ ބޭފުޅުން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ރާއްޖޭގައި އިސްލާމީ ޝަހުސިއްޔަތު ހަރުދަނާކޮށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓައި އުމްރާނީ ގޮތުންނާއި އިޖްތިމާއީ ގޮތުން ގައުމު ބިނާކުރުމަށް ބޭނުންވާ އިލްމާއި ހުނަރާއި ތަޖުރިބާގެ ގޮތުން އެންމެ ގާބިލް ހުލްގުހެޔޮ ކެންޑިޑޭޓަކަށް އެ ބޭފުޅުންނަށް ފެނިވަޑައިގަތީ ޑރ. މުއިއްޒު ކަަމަށެވެ.
އެ އިލްމުވެރީން ވަނީ ދެވަނަ ބުރަށްވެސް އެ ބޭފުޅުންގެ ތާއީދު އޮތީ މުއިއްޒަށް ކަން ހާމަކޮށް އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިހާބުގައި ކެންޑިޑޭޓަކު ނަންބަރު ހަތަރެއް، މުއިއްޒާއި އޭނާގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފަށް ވޯޓް ދެއްވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ.
އަދި މި ހާލަތުގައި އިސްލާމް ދީނާއި ގައުމުގެ މަސްލަހަތު އިސްކޮށް ގައުމުގެ ސުލްހަމަސަލަސްކަމާއި އަމަންއަމަކަން ރައްކާތެރިކޮށް ހިފަހައްޓައި މުސްލިމުންގެ މެދުގައި އޮންނަން ޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް ނަސޭހަތްތެރިވެފައިވެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާނީ މާދަމާ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ. އެއަށްފަހު ވޯޓު ފޮށިތައް ގުނުމުގެ މަސައްކަތް ކުރިއަށް ދާނީ ވޯޓު ފޮށިތައް ބަންދު ކުރާތާ 30 މިނެޓު ފަހުންނެވެ.
ދެވަނަ ބުރުގައި 586 ވޯޓްފޮށި ބަހައްޓާ އިރު، ވޯޓު ލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެއެވެ. އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓްފޮށި ބަހައްޓަނީ ފަސް ގައުމެއްގަ އެވެ. އެއީ އިންޑިއާ އާއި ސްރީލަންކާ އާއި މެލޭޝިއާގެ އިތުރުން ޔޫއޭއީ އަދި އިނގިރޭސިވިލާތުގައެވެ.
ކޮމެންޓު ފޮނުވާ