ޢަޒުމް ކަނޑައަޅަންވީ ރަސޫލާގެ ސީރަތުން ފިލާވަޅު ލިބިގަނެ އުޅުންތަކާއި ގުޅުންތައް އިސްލާހު ކުރުމަށް: ރައީސް

ޢަޒުމް ކަނޑައަޅަންވީ ރަސޫލާގެ ސީރަތުން ފިލާވަޅު ލިބިގަނެ އުޅުންތަކާއި ގުޅުންތައް އިސްލާހު ކުރުމަށް: ރައީސް

Author
މުޙައްމަދު ޝަޒައިމް
26 ސެޕްޓެމްބަރ 2023 07:59
0

ޢަޒުމު ކަނޑައަޅަންވީ އިތުރު އެކަލޭގެފާނުގެ މާތް ސީރަތުން ލިބިދޭ ފިލާވަޅުތަކުން، އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިޞްލާޙް ކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާސަބާގައި އެމަނިކުފާނު މިއަދު ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު ވަނީ ކީރިތި މާތް ނަބިއްޔާގެ މުޅި ސީރަތުން ވެސް ފެންނަ އެންމެ އުސް ކުރިބޯއްޓަކީ ޞުލްޙަވެރިކަމާއި އަމާންކަންކަމުގައި ފާހަގަކުރައްވާފައެވެ. އަދި ކީރިތި ރަސޫލާ އެންމެ އިސް މަސްއޫލިއްޔަތަކަށް ހެއްދެވީ ، މީސްތަކުން ޞުލްޙަވެރި ކުރެއްވުމާއި މުޖްތަމަޢު އަމާން ކުރެއްވުން ކަމަށާއި އިސްލާމީ ދަޢުވަތު ފެތުރުއްވުމުގައި ދެމެހެއްޓެވި އަސާސަކީ ވެސް، މީސްތަކުންނަށް ޢަފޫކުރެއްވުމާއި އޯގާތެރިވުމާއި އެހީތެރިވުމުގެ މަތިވެރި ސިފަތައްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު ވަނީ ކީރިތި ރަސޫލާ ޢަމަލީ ގޮތުން ދެއްކެވި އަދަބު އަޚްލާޤުގެ މަތިވެރި ސިފަތަކުގައި ހިފައިގެން އަމިއްލަ ދިރިއުޅުން ބާއްޖަވެރިކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާފައެވެ. އެގޮތުން މައިންބަފައިންނަށް ކަމޭހިތުމާއި އެއްބަނޑުއެއްބަފާކަމުގެ ގުޅުން ދެމެހެއްޓުމާއި އިޖްތިމާޢީ ގުޅުންތައް ބަދަހިކުރުމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ، ނަބަވީ ރިސާލަތުގެ އެންމެ މުހިންމު އަސާސްތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި އިސްލާމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުގެ ވެރިންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނަށް މި މުނާސަބާގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.