އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ބޭނުން ކުރަން ނިންމާފައިވާ ވޯޓު ކަރުދާސްތަކެއް ބޭރުވެފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް ރޭ ވިދާޅުވެއްޖެއެވެ.
ލ.ގަމުގައި ޕީޕީއެމް/ޕީއެންސީން ބޭއްވި ކެމްޕެއިން ބޮޑު ޖަލްސާގައި އަދުރޭ ވިދާޅުވީ ރައްޔިތުން އިންތިހާބާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ވޯޓު އޮޅުވާލުމަށް އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަމަށާއި އިދިކޮޅުން ތިބީ އެ ފުރުސަތު ދޭ ގޮތަކަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދުރޭ ވިދާޅުވީ ބައެއް ރަށްރަށަށް އެމްޑީޕީގެ ބޭފުޅުން އުމުރުން ދުވަސްވީ ބޭފުޅުން ގާތަށް ވަޑައިގެން ކޮންމެހެން ވޯޓުލާން ނުދިއުމަށް އެދެމުންދާ ކަމަށެވެ. ގޭގައި ތިބީމަ، ކަރުދާސްކޮޅެއް ގެނެސްދޭނެ ކަމަށާއި އެ ކަރުދާހުގައި ފާހަގަ ޖަހާލީމަ ނިމުނީ ކަމަށް އެމްޑީޕީގެ ބޭފުޅުން ވިދާޅުވަމުން ގެންދަވާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ތުހުމަތު ކުރަނީ ވޯޓު ކަރުދާސް ބޭރުވެއްޖެ ކަމަށް. އިލެކްޝަންސް ކޮމިޝަނުން މިކަން ބައްލަވާ ދެއްވަން އެބަޖެހޭ. އެއްގޮތަކަށް ވެސް ހީ ކުރައްވައިގެން ނުވާނެ މި އިންތިހާބުުގައި ވައްކަން ކުރެވިދާނެ ކަމަކަށް. އެކަން ކުރާކަށް ފުރުސަތު ދޭކަށް ނޫން ރައްޔިތުން ތިބީ،" އަދުރޭ ވިދާޅުވިއެވެ.
މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފައިސާއަށް ނުހެއްލޭނެ ކަން ރައްޔިތުން ބުނެފައިވާ ކަމަށާއި ފައިސާ އަށް ވުރެ ރައްޔިތުންގެ އަގު އަދި ގައުމު މާ މުހިންމު ކަން އެ ރައްޔިތުން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި ވެސް ކަޅު ދަބަހުގައި ފައިސާ ހިފައިގެން އަންނާނެތީ ރައްޔިތުން ފާރަވެރިވުމަށް އަދުރޭ ވަނީ އެދިވަޑައިގެންފައެވެ.
"ބާކީ މިއޮތް ދެ ތިން ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ފާރަވެރިވާން ވާނެ އެމްޑީޕީ މީހުން ކޮށްފާނެ ކަންތައްތަކާ ދޭތެރޭގައި. ޓީމު ހަދާފައި ކަޅު ދަބަސް ހިފާފައި އަރާނެ. އެމީހުން ގޭގެއަށް ވަންނަ އިރު ފާރަވެރިވާން ވާނެ. ފަހަތުން ދާން ވާނެ. އެމީހުންނަށް އެކަނި މީހުންނާ ބައްދަލު ކުރުމުގެ ޖާގަ ދީގެން ނުވާނެ. އެ މަންޒަރު ފޮޓޯ ނަގަން ވާނެ. އެމީހުންނަށް ވާހަކަ ދެއްކެން ވާނީ އަޅުގަނޑުމެންނާ އެކީގައި،" އަދުރޭ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ