ވެރިކަން ކުރާ އެމްޑީޕީގައި ތިބީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ އަބުރު ކަތިލެވޭ ވަރުގެ ޓީމެއް ނޫން ކަމަށާއި ވާދަވެރިންނަށް އެކަން ނުކުރެވޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މިރޭ ހައްދުން މަތީ ގަމުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައްޔިތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނޫނެކޭ ބުނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އެތައް ވައުދެއް ވެފައި، ވައުދުތައް ނުފުއްދާ އިތުރު ފަސް އަހަރު އެކަންކަން ފުރިހަމަ ކުރަން ފުރުސަތު ދޭން ބުނީމަ ކަމަށެވެ.
އަދި ގައުމެއްގެ ދަރަނި ދަންތުރައެއްގައި ޖެހިފައިވާ ބަޔަކަށް ވާން ބޭނުން ނުވާ ކަން އެ ދުވަހު ރައްޔިތުން ބުނެފައިވާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
"ރައްޔިތުން ބުނީ ތިމަންނަމެންގެ ކާބަފައިން ލެޔާއި ދާ އޮހޮރުވައިގެން ތިމަންނަމެންނާ ހަމައަށް ވާރުތަކޮށްދިން މި ސުލްހަވެރި އަމާން މިނިވަން، ދިވެހިރާއްޖެ ތިމަންނަމެން އަތުން ބީވެގެންދާ އިރު، ތިމަންނަމެން ބަލަހައްޓައިގެން ނުތިބޭނަމޭ. އެއަކަށް އާއެކޭ ނުބުނާނަމޭ." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވި ގޮތުގައި ޒުވާނުން ނުކުތީ ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި، ހުސެއިން އާދަމްގެ ކިބައިން ހިތްވަރު ލިބިގެންނެވެ.
އަދުރޭ ވިދާޅުވީ ދިވެހިންގެ ރާއްޖެ އަށް ދިވެހިން ގޮވައިގެންދާން ހުރީ އެންމެ ކެންޑިޑޭޓެއް ކަން ރައްޔިތުން އެ ދުވަހު ނިންމާފައިވާ ކަމަށާއި އެ ކެންޑިޑޭޓަކީ މުއިއްޒު ކަމަށެވެ. މުއިއްޒަކީ ފަސް ބައިގައި ކިލަނބުކަމެއް ނެތް ހިދުމަތުގެ ރީތި މާޒީއެއް އޮތް ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މުއިއްޒަކީ އިލްމީ ގާބިލް، އަހުލާގީ ސިފަތައް ހުންނެވި ބޭފުޅެއް ކަމާއި ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ފުރުސަތު ހޯދައި ދޭނެ ލީޑަރެއް ކަން ރައްޔިތުން ގަބޫލުކޮށްފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ރައްޔިތުން ގޮތް ނިންމައިފި. އިރާދަކުރެއްވިއްޔާ މި މަހުގެ 30 ވަނަ ދުވަހު މިކަން ނިންމާނީ ވޯޓުލާ މީހުންގެ %60 މުއިއްޒު ހޯއްދަވައިގެން،" އަދުރޭ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ