މިފަހަރުގެ ރިޔާސީ އިންތިޚާބު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާނީ 56 އިންސައްތަ ވޯޓުން ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މުއިޒު ހޮވުމަށް ކުރަމުންދާ މަސައްކަތަށް މިހާރު އުންމީދު އާވެއްޖެ ކަމަށާއި އިންތިޚާބު 60 އިންސައްތަ ވޯޓުން މުއިއްޒު ކާމިޔާބު ކުރައްވާނެކަމަށް ބުނު ޓުވީޓުގައި ކުރެއްވި ކޮމެންޓެއްގައެވެ. ނިހާން ވިދާޅުވީ މިހާރު ފެންނަމުންދާ ހަގީގަތްތަކާއި ކަންކަމަށް ބަލާއިރު މުއިއްޒު މިއިންތިޚާބު 56.5 އިންސައްއިން ކާމިޔާބު ކުރައްވާނެކަމަށް ގަބޫލު ކުރެވޭކަމަށެވެ.
ޖުމްހޫރީން ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމައި އެބޭފުޅަކު ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކުރުމުގެ ފުރުސަތު ދިނުމާއިއެކު އެޕާޓީގެ އިސްސަފުގައި ހިމެނޭ ގިނަ ބޭފުޅުން ވަނީ އިންތިޚާބުގެ ދެވަނަ ބުރުގައި ތާއީދު ކުރާނެ ކެންޑިޑޭޓެއް ނިންމަވާފައެވެ. ނިހާން ވަނީ މިބޭފުޅުން ވަކި ކޮޅެއް އިހުތިޔާރު ކުރުމުގެ މާކުރިންވެސް ދެވަނަ ބުރުގައި ތާއީދު ކުރައްވާނީ މުއިއްޒަށް ކަން ހާމަކުރައްވާފައެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓާއެކު ކުރި ހޯއްދަވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. އެއީ ވޯޓުލީ މީހުންގެ %46.06 ވޯޓާއެކުއެވެ. އެމަނިކުފާނަކީ ކެންޑިޑޭޓް ނަންބަރު 4 އެކެވެ. ދެވަނަ ހޯއްދަވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެމަނިކުފާނަށް ލިބިވަޑައިގަތީ ޖުމްލަ %39.05 ވޯޓެވެ. ރައީސް ޞާލިޙުގެ ކެންޑިޑޭޓް ނަންބަރަކީ 3 އެކެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.
ކޮމެންޓު ފޮނުވާ