ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބު ޑިސެމްބަރު 2ގައި ބާއްވަން އެޕާޓީން ނިންމި ނިމުމާއި އެއްގޮތަށް ޕާޓީގެ ރައީސް ކަމުގެ މަޤާމަށް އެޕާޓީގެ އިންޓަރިމް ކައުންސިލްގެ ޗެއާ ހަސަން ލަތީފް ކުރިމަތި ލައްވަން ނިންމަވައިފިއެވެ.
ހަސަން ވިދާޅުވީ އޭނާ ޑިމޮކްރެޓްސްގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތި ލުމަށް ނިންމާފައިވާކަމަށެވެ. އަދި ހުރިހާ ޑިމޮކްރެޓުންގެ ތާއީދު ލިބޭނެކަމަށް އުންމީދު ކުރާކަމަށް ހަސަން ވިދާޅުވިއެވެ. ހަސަން ރައީސް ކަމަށް ވާދަ ކުރައްވާއިރު، ރިޔާސީ އިންތިޚާބުގައި އިލްޔާސް ލަބީބްގެ ރަނިންމޭޓް ހުސެއިން އަމްރުވެސް ވަނީ ޑިމޮކްރެޓްސްގެ ރައީސް ކަމަށް ކުރިމަތި ލައްވާފައެވެ.
ދަ ޑިމޮކްރެޓްސް ގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމަށް އަޅުގަނޑު ނިންމައިފިން. ހުރިހާ ޑިމޮކްރެޓުންގެ ތާއީދާއި އެހީތެރިކަން ދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން. ޝުކުރިއްޔާ.
– ހަސަން ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްްސްއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ އުފެއްދެވި ސިޔާސީ ޕާޓީއެކެވެ. އެޕާޓީ އުފެދުނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު، އެތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މަޖިލިސް ބައެއް މެންބަރުން އިސްވެ ތިއްބަވައިގެންނެވެ.
ދަ ޑިމޮކްރެޓްސްއިން ވަނީ އެޕާޓި އުފެދުނުތާ ދެތިން މަސް ދުވަހުގެ ތެރޭގައި މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކޮށްފައެވެ. އެޕާޓިއަށް އިންތިޚާބުން 15 ހާހަށްވުރެ ގިނަ ވޯޓާއެކު ތިންވަނަ ލިބުނެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިހު ބަލި ކުރުމަށް ޑިމޮކްރެޓްސްގެ ގިނަ ބޭފުޅުން ދަނީ ޑރ. މުއިއްޒަށް ތާއީދު ކުރަމުންނެވެ.