ދަބަހުގައި ރާފުޅިތައް އުފުލި މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
ދަބަހުގައި ރާ ފުޅިތަކެއް އުފުލި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޢުމުރުން 43 އަހަރުގެ އިންޑިއާ މީހެކެވެ. އޭނާ ހައްޔަރުކުރީ ރާ ފުޅިތައް އަޅާފައިވާ ދަބަހަކާއެކު އެމްޓީސީސީގެ ބަހަށް އަރަން އުޅުމުގެ ތެރެއިންނެވެ.
އޭނާ ހައްޔަރުކުރީ އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން އޭނާގެ ދަބަސް އެމްޓީސީސީގެ ބަހުގެ މުވައްޒަފު އެ ދަބަސް ޗެކްކުރުމުން އޭނާ ފިލަން އުޅުމުން ހިފެހެއްޓުމަށްފަހުއެވެ. އެއަށްފަހު ވަނީ އޭނާ ފުލުހުންނާ ހަވާލުކޮށްފައެވެ.
އެ އިންޑިއާ މީހާގެ ދަބަބުން 26 ފުޅި ބަނގުރާ ފެނިފައިވެއެވެ. އެ ބިދޭސީ މީހާ ފިލައިގެން ދާން އުޅުނީ ބަސްތެރެއަށް އެ ދަބަސް ދޫކޮށްލުމަށްފަހުއެވެ.
އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ބަނގުރާ ގެންގުޅުމާއި ވިޔަފާރި ކުރާ ކަމުގެ ތުހުމަތެވެ.