ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން އިންތިޚާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރު ނިންމައިފިއެވެ.
އުމަރު މިރޭ ވިދާޅުވީ އޭނާގެ ނިންމުމަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ފަހަތަަށް އަރައިގެން މަސައްކަތް ކުރުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫންކަމަށެވެ. މިހާރު ކުރިއަށްދާ ފޭސްބުކް ލައިވްގައި އުމަރު ވިދާޅުވީ މިހާރު އޮތް ބޮޑު ދެޕާޓީއަށް ރާއްޖޭގައި ހުރި މައްސަލަތަކަށް ހައްލު ނުގެނެވޭނެކަމަށެވެ. ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ގެނެވޭނީ އިސްލާމީ ޝަރީއަތުގައި ހިފައިގެން ކަމަށް އުމަރު ވިދާޅުވިއެވެ.
ރާއްޖޭގައި އޮތް ޑްރަގުގެ މައްސަލަތަކާއި، ގޭންގު މައްސަލަތަކާއި، އެނޫންކޮށް ކުށްތައް ކުރުން ހުއްޓުވޭނީ ރާއްޖޭގައި އެކަން ކުރެވޭނެ ވަރުގެ ކޮރަޕްޝަނާއި، ފަސާދައަށް ތާއީދު ނުކުރާ ފަސްބައި ސާފު ލީޑަރަކަށް ކަމަށް އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އޭނާއަށް ފުރަތަމަ ބުރުގައި ވޯޓު ދިނީ އެދެޕާޓީގެ ސިޔާސަތު ތަކަށް ތާއީދު ނުކުރާ ރާއްޖެއަށް ހެޔޮ ބަދަލު ގެންނަން ބޭނުންވާ ރައްޔިތުން ކަމަށެވެ. އެކަން ކުރުމުގައި އެސަޕޯޓަރުންނާއިއެކު 2028 ވަނަ އަހަރަށް ތައްޔާރުވަމުންދާކަމަށް އުމަރު ވިދާޅުވިއެވެ.
އަޅުގަނޑު ނެތިން ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާ ކޮޅަށް އަރާކަށް. މިހާރު މިއޮތް ބޮޑު ޕާޓީއަށް ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ނުގެނެވޭނެ. އެކަން ކުރެވޭނީ އިސްލާމީ ޝަރީއަތު މިތާގައި ތަންފީޒު ވެގެން.
– އުމަރު ވިދާޅުވިއެވެ.
ސެޕްޓެމްބަރު 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އުމަރު ނަސީރު ދިޔައީ ތިން ވަނައަށެވެ. އުމަރު ނަސީރު، 6،343 ވޯޓާއެކު، ތިން ހޯއްދެވުމަކީ ގިނަ ބަޔަކަށް ވަރަށް ބޮޑު ހައިރާން ކަމެއް ލިބުނު ކަމެކެވެ. އޭނާ އެ މަގާމު ހޯއްދެވީ، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ފަހަތަށް ޖައްސާލުމަށް ފަހުއެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް ހަތަރު ވަނަ އަށް ދިޔައީ 5،460 ވޯޓާ އެކީގައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އަށް ކެންޑިޑޭޓުންގެ ތެރެއިން ގިނަ ކެންޑިޑޭޓުން މިހާތަނަށް އައިއިރު ވަކިކޮޅެއް ނަންގަވާފައެއް ނުވެއެވެ. އޭގެ ތެރޭގައި ގާސިމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިިކަލުން ފާރިސް މައުމޫން ހިމެނިވަޑައިގަންނަވައެވެ. އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުން އިންތިހާބުގައި ވާދަކުރެއްވި އިލްޔާސް ލަބީބާއި އެ ޕާޓީގެ ވިސްނުން ވެސް ހުރީ އިންތިހާބުގައި ވަކި ކެންޑިޑޭޓެއްގެ ފަހަތަށް ނޭރުމަށެވެ. އެކަމަކު، އިންތިހާބުގައި ވާދަކުރެއްވި އެމްއެންޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމް ވަނީ މުއިއްޒު ފަހަތަށް އަރުއްވައިފައެވެ.