މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ހަދާ "ތިލަމާލެ" ބްރިޖުގެ މަސައްކަތް ނިންމާލެވޭނީ ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
މި މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މުއިއްޒު ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުގައި ރ. ހުޅުދުއްފާރަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އޭނާ ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު މާލެ އާއި ހުޅުލެ ގުޅާލަން ހެދި ބްރިޖަކީ 190 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށެވެ.
އެކަމަކު، މި ސަރުކާރުން ތިލަމާލެ ބްރިޖު އެޅުމަށް މިހާތަނަށް 190 މިލިއަން ޑޮލަރު ހަރަދުކޮށްފައި އޮތް އިރު، ވީ ކަމެއް ނެތް ކަމަށާއި ތަނބެއްހާ ހިސާބު ވެސް ފެންނަން ނެތް ކަމަށް ވިދާޅުވެ، އިންޑިއާގެ އެފްކޮންސް އިން ކުރިއަށް ގެންދާ މަޝްރޫއަށް މުއިއްޒު ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.
"ރައީސް ޔާމީންގެ ވެރިކަމުގައި މާލެ އާއި ހުޅުލެއާ ދެމެދު އެޅި ބްރިޖު އެއީ 190 މިލިއަން ޑޮލަރު. 190 މިލިއަން ޑޮލަރު ހަރަދުކޮށްގެން ބްރިޖު އެއޮތީ ފެންނަން. މި ސަރުކާރުން އަޅާ ބްރިޖު 190 މިލިއަން ޑޮލަރަށް ވީ ގޮތެއް ނޭނގެ. ބްރިޖު ވެސް ނެތް." މުއިއްޒު ވިދާޅުވިއެވެ.
"އެންމެ ތަނބެއް ވެސް ފެންނަން ނެތް، ބްރިޖެއް ނެތް ފެންނާކަށް. އެކަމަކު ވައުދުވީ ނޫންތޯ ޖުލައި މަހު ދުއްވޭނެއޭ މާލެ އާއި ވިލިނގިއްޔާ ދޭތެރޭގައި. ފެރީގައި ގައިމުވެސް ދުއްވޭ. އެކަމަކު ބްރިޖު މައްޗަކު ނުދުއްވޭ. އެކަމަކު 190 މިލިއަން ޑޮލަރު ހަރަދުކޮށްފި،"
ތިލަމާލެ ބްރިޖު މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވެއެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ. އެ ބްރިޖުގެ މަސައްކަތް އަވަސްކުރަން ސަރުކާރުން އިތުރު 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް މި އަހަރުގެ ކުރީކޮޅު ދީފައިވެއެވެ.
މުއިއްޒު ވިދާޅުވީ "މި މަޝްރޫއު ވެސް ހަމަ މަގަށް އަޅުވައިގެން ކުރިއަށް ގެންދަވާނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން. އެ މަޝްރޫއުން އުފާ ފާގަތިކަން ގެނެސްދީ އެ ބްރިޖު ވެސް ނިންމަދޭނީ އަޅުގަނޑުމެން،" މުއިއްޒު ވިދާޅުވިއެވެ.