ނިޒާމީ ގަރާރުގެ ވޯޓުގައި ޕީޕީއެމުން ބައިވެރިއެއް ނުވޭ

ނިޒާމީ ގަރާރުގެ ވޯޓުގައި ޕީޕީއެމުން ބައިވެރިއެއް ނުވޭ

ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން ސީދާ ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގާ ގޮތަށް މަޖިލީހުން މިއަދު ފާސްކުރަން ނެގި ވޯޓުގައި މައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ބައިވެރިވަޑައެއް ނުގެންނެވިއެވެ.

ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސް ޕާޓީގެ މެމްބަރު އިލްޔާސް ލަބީބް މަޖިލިހަށް ހުށަހެޅުއްވި ގަރާރުގައި އޮތީ މި އަންނަ މަހުގެ 30 ގައި ހިޔާލު ހޯދުމުގެ ވޯޓެއް ނަގާށެވެ. އެކަމަކު މުޅި މަޖިލިސް ކޮމިޓީން މައްސަލަ ނިންމައި ފާސް ކުރުމުގެ ކުރިން އިލްޔާސް ވަނީ އެ ގަރާރަށް އިސްލާހެއް ހުށަހަޅުއްވައިފައެވެ. އެ އިސްލާހުގައި އޮތީ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު، ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން އާންމު ވޯޓެއް ނެގުމަށް ސީދާ މަޖިލީހުން އީސީ އަށް އެންގުމަށެވެ.

އެ އިސްލާހާ އެކު މުޅި މަޖިލީހުގެ ކޮމިޓީން އެ ގަރާރު ފާސްކޮށް މަޖިލިހުގެ ތަޅުމަށް ފޮނުވިއެވެ.

މަޖިލީހުން އެ ގަރާރު ފާސްކުރަން ވޯޓު ނެގި ވަގުތު ތަޅުމުގައި ތިއްބެވީ ޕީޕީއެމް/ޕީއެންސީގެ ޖުމްލަ އަށް މެމްބަރުންގެ ތެރެއިން ދެ މެމްބަރުންނެވެ. އެއީ އޭދަފުށި ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ސަލީމާއި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމެވެ. އެ ދެ މެމްބަރުން ވެސް ގަރާރު ފާސްކުރަން ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

އެ ގަރާރު މަޖިލިހުން ފާސް ކުރީ އެމްޑީޕީގެ މެމްބަރުންތަކެއް ހިމެނިވަޑައިގަންނަވާ ގޮތަށް 35 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ގަރާރު ފާސް ކުރަން އެމްޑީޕީގެ 19 މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ. ދެން ގިނަ އިން ވޯޓު ދެއްވާފައި ވަނީ ދަ ޑިމޮކްރެޓްސްގެ މެމްބަރުންނެވެ.

ވޯޓު ނެގި ވަގުތު ޖުމްލަ 58 މެމްބަރުން ތަޅުމުގައި ތިއްބެވި އިރު، ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ މެމްބަރުންގެ ތެރޭގައި އެމްޑީޕީ 16 މެމްބަރަކު ވެސް ހިމެނިވަޑައިގަންނަވައެވެ.

ނިޒާމީ ވޯޓް ނަގަން ސީދާ މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް މިއަދު ގަރާރު ފާސްކުރީ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ށ. ގެ 6 ވަނަ ނަމްބަރުގެ ދަށުންނެވެ. އެ މާއްދާގައި ބުނަނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *