އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު، ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ސީދާ ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގާ ގޮތަށް ކަމާގުޅޭ ގަރާރު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު ދިރާސާކޮށް މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓް ފާސްކުރީ 35 މެންބަރުންގެ ވޯޓުންނެވެ. ގަރާރު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
މަޖިލީހުގެ 35 މެންބަރުން ބައިވެރިވެގެން ގަރާރު ފާސްކުރިއިރު މަޖިލީހުގައި 87 މެންބަރުން ތިއްބަވައެވެ. ގަރާރުގެ މަސައްކަތް މަޖިލީހުގައި ފެށީ، މަޖިލީހުގެ މެންބަރުން ތަމްސީލްކުރާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކޮށް، އެ ހުރިހާ ޕާޓީއެއްގެ ރުހުން އެ ކަމުގައި ހޯދުމަށް ފަހުގައެވެ.
ރައީސްގެ ބައިވެރިވުމެއްނެތި މަޖިލީހުން އަމިއްލައަށް ނިޒާމީ ވޯޓު ނެގޭނެ ކަމަށް އިލްޔާސް ގަރާރު ހުށަހަޅުއްވާފައިވަނީ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ދަށުންނެވެ. ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރުގައި ބުނަނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށެވެ.
ބަހުސްގެ ތެރެއިން އެކަމާ އެމްޑީޕީގެ ބައެއް މެމްބަރުން ދެކޮޅު ހައްދަވައި ވާހަކަ ދެއްކެވި އެވެ. މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ގަރާރެއް މެދުވެރިކޮށް ނިޒާމީ ވޯޓަކަށް އެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އޭގެ ބަދަލުގައި އެކަން ކުރެވޭނީ ޝަރީފް ވިދާޅުވި ގޮތުގައި ނިޒާމު ބަދަލުކުރަން ގާނޫނުއަސާސީ އިސްލާހުކޮށް، ގާނޫނުއަސާސީގެ 262 މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެން ނަގާ ފެންނަ ނުފެންނަ ވޯޓަކުން ކަމަށެވެ. ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން، އަސާސީ ހައްގުތަކާއި މިނިވަންކަން، މަޖިލީހުގެ އުމުރު، ރިޔާސަތުގެ ދައުރު އަދި ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް ބަދަލުކުރާ ބިލެއް ރައީސަށް ތަސްދީގުކުރެވޭނީ އާންމު ވޯޓެއް ނަގައިގެން އެކަން ކުރަން ރައްޔިތުންގެ އަޣުލަބިއްޔަތަށް ފެންނަ ނަމައެވެ.
މީގެ ކުރިން 2007 ގައި ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ވެސް ނަޝީދާއި އޭރު އެމަނިކުފާނު ލީޑުކުރައްވަމުން ގެންދެވި އެމްޑީޕީން ވެސް ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ. އަދި ނަޝީދުގެ ވެރިކަމުގައި ވެސް ނިޒާމު ބަދަލު ކުރުމަށް ތާއީދުކުރައްވައި ވާހަކަ ދައްކަވާފައި ވެއެވެ.
ވެރިކަމުގެ ނިޒާމުގެ ބަދަލުތަކުގެ ވާހަކަ 2018 ގެ ރިޔާސީ އިންތިހާބާ ދިމާކޮށް ވެސް އެމްޑީޕީން ހުށަހެޅިއެވެ. ނަމަވެސް ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި އެކަމުގެ ހިޔާލު ތަފާތުވުން ހުރުމުން ކޯލިޝަންގެ މެނިފެސްޓޯގައި އެ ކަން ހިމަނާފައެއް ނުވެއެވެ.