ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ޕެންޝަން ފައިސާ މަޖާކޮށްލަން ނުވަތަ ދަތުރު ދިއުން ފަދަ ކޮންމެ ކަމަކަށް ފައިސާ ނުނެގޭނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
"ސަންގު ޓީވީ" އާއި "ޗެނަލް 13″ ގުޅިގެން "އާސްކް މުއިއްޒު" ނަމުގައި މިރޭ ބޭއްވި ޕްރޮގްރާމްގައި މުއިއްޒު ވިދާޅުވީ ވަކި އަދަދަކަށް ފައިސާ ޖަމާވެފައި ހުރި ނަަމަ، ޕެންޝަން ފަންޑުން ފައިސާ ނެގޭނީ ތިން ބޭނުމަކަށް ކަމަށެވެ. އެކަމަކު، އެކަން ކުރުމަށް ފުރަތަމަ ކަމަކަށް ގާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު މިރޭ ފާހަގަ ކުރެއްވި ތިން ކަމަކީ އަމިއްލަ ގެދޮރު އިމާރާތް ކުރުމަށާއި ވިޔަފާރިއެއް ފެށުމަށާއި ތައުލީމު ހާސިލް ކުރުމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ޕެންޝަން ފައިސާ އިން ދޭނީ މުޅި ގެދޮރު އަޅާކަށް ނޫނެވެ. އެއީ ގެދޮރު އަޅަން އެހީތެރިވެ ދިނުމުގެ ގޮތުން ވަކި އަދަދަކަށް ދޭ ފައިސާ ކަމަށް އޭނާ ވިދާޅުވިއެވެ. ދެވަނަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ރާއްޖޭގައި ނުހެދޭ ކޯހެއް ނުވަތަ ސްކޮލަޝިޕެއްގައި ދަރިފުޅު ބައިވެރިކުރުވުމަށްޓަކައި ދޭ ކޮންމެވެސް ވަރެއްގެ އެހީއެކެވެ. އަދި ފަހު ކަމެއްގެ ގޮތުގައި މުއިއްޒު އިޝާރާތް ކުރެއްވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއް ފެށުމަށް ކޮންމެވެސް ވަރެއްގެ ފައިސާއެއް ދިނުމެވެ.
މި މައިގަނޑު ތިން ކަންތައްތަކަށް ކޮންމެވެސް ވަރަކަށް ފައިސާ ނެގޭނެ ވަރު، އޭނާގެ ޖަމާވެފައި ހުރި އެކައުންޓުގައި ހުރެއްޖެ ނަމަ، ނެގުމަކީ ރަނގަޅު ކަމެއް. އެއީ ގާނޫނުގެ ތެރެއިން އެކަން އަންނާނީ. ހިސާބު ޖަހަން ޖެހޭނީ. ޖަހާފައި ބަލަން ޖެހޭނީ އެމީހާ ރިޓަޔާވާ އިރު ކިހާ ވަރެއްތޯ. ވަކި ވަރެއް ޕަސަންޓެއް ހުންނަން ޖެހޭނެ.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ދައުލަތުގެ ޕެންޝަން ފަންޑުގައި 20 ބިލިއަން ރުފިޔާ އެބަހުރި ކަމަށެވެ. ސަރުކާރުން މިހާރު ވެސް އެކި ބޭނުންތައް މިކަމުގައި ހިފަމުން އަންނަ އިރު، މިއަށް އިންވެސްޓް ކުރެވޭނެ ގޮތްތަކެއް އެބަހުރި ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ޕެންޝަން ފަންޑަށް ފައިސާ ވަންނާނެ އެކި ކަހަލަ އޮޕްޝަންސްތައް ވެސް ހޯދަމުން، އިންވެސްޓްމަންޓުތަކަށް ފުރުސަތު ދެމުން ދެން ހަމަ މިގޮތަށް ވަކި ވަރަކަށް ފައިސާ ޖަމާވެފައި ހުރި ނަމަ ފުރުސަތު ދެވޭނެ ގޮތެއް ހޯދުމަކީ ގިނަ ރައްޔިތުންގެ މަސްލަހަތާ ގުޅިފައި އޮތް ކަމެއް.
– މުއިއްޒު ވިދާޅުވިއެވެ.