ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް މިހާރު އޮތް ހުރަސްތައް ނައްތާލައި، ކައުންސިލްތައް ހަގީގީ މާނާގައި ބާރުވެރި ކުރެވޭނީ ކައުންސިލްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ގެނެވޭނެ ފުލްޓައިމް ވަޒީރެއް އެލްޖީއޭ ހިންގުމާއި ހަވާލުވެގެން ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެލްޖީއޭއަށް ޚާއްސަ މިނިސްޓަރެއް ކަނޑައަޅުއްވައިގެން ލާމާރުކަޒީ ނިޒާމު ބާރުވެރި ކުރުމަށް މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތަކާއި ގުޅިގެން ސަރުކާރުން ކުރިމަތި ކުރުވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން އާސްކް މުއިއްޒު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަންކަމަށް ދެކި އެނިޒާމުގެ ބާރުވެރިކަން ކަނޑުވާލީ މިސަރުކާރުން ކަމަށެވެ. ކައުންސިލްތަކަށް މިހާރު ޤާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި އަދި ކައުންސިލްތަކުން އެލްޖީއޭއާއި ހަމައަށް ފޮނުވާ ކަންބޮޑުވުންތަކަށް ހައްލު ނުގެނެވި ތާށިވެފައިވާކަމަށެވެ.
މުއިއްޒަކީ މާލެ ސިޓީ ކައުންސިލްގެ މޭޔަރެވެ. މުއިއްޒު ވިދާޅުވީ އެލްޖީއޭގައި އިދާރީ ގޮތުން މިހާރުވެސް މަސައްކަތް ކުރައްވަމުންދަނީ ވަރަށް ޒިންމާދާރު ވަރަސް ހީވާގި ބޭފުޅުންކަމަށެވެ. ނަމަވެސް ކައުންސިލްތަކުން ހުށަހަޅާ އެކިއެކި މިނިސްޓްރީތަކާއި އެލްޖީއޭގެ ރައީސަކަށް ހުންނަވާ ވަޒީރު ނިންމަވަންޖެހޭ ކަންކަން ނުނިންމި އެލްޖީއޭ ތެރޭގައި އެކަންކަން ތާށިވެފައި އޮންނަންޖެހޭ ކަމަކީ އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. މުއިއްޒު ވިދާޅުވީ، މިހާރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބައެއް ރަށްރަށަށް މިހާރ ކުރައްވަމުން ގެންދަވާ ދަތުރުތަކުން ވެސް ފެނިވަޑައިގަތީ ކައުންސިލްތަކަށް ބޭނުންވާ ކަންކަން ނުކުރެވި ލަސްވަމުންދާ މަންޒަރު ކަމަށެވެ.
ބައެއް ރަށްރަށުގެ ކައުންސިލްތަކުގެ އިދާރާ އަޅަން އުޅެ ވެސް ނޭޅި ކައުންސިލަށް ބޭނުންވާ މުވައްޒަފުން ހޯދަން އުޅެއުޅެ އެކަން ވެސް ނުވެފައި އެބަހުރި. ކައުންސިލަށް ބޭނުންވާ ސްޓޭޝަނަރީ އާއި ކޮމްޕިއުޓަރު ފަދަ ތަކެތި ވެސް ނުލިބުމުގެ ޝަކުވާ އަޅުގަނޑަށް އައި. އެލްޖީއޭ އަށް ހުށަހަޅަން ޖެހެނީ. އެލްޖީއޭ އިން ބުނާނެ ތިމަންނަމެން ތިކަން އޮންނާނީ ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅާފައޭ. އެކަމަކު އެ ކަމެއް ނުވެ ލަސްވަނީ.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މިއީ އެއްވެސް ހާލެއްގައި އެޓޯލް މިނިސްޓްރީ އުފައްދައި އަލުން އެސިޔާސަތު ތަންފީޒު ކުރަން ކުރާ މަސައްކަތެއް ނޫންކަމަށެވެ. އެޓޯލް މިނިސްޓްރީގެ ކޮންސެޕްޓަކީ މުޅި ރާއްޖޭގައި އަތޮޅުވެރިކަން ކުރި ޒަމާނުގައި ކަންކަން ބަލަހައްޓަން އުފެއްދި މުސްކުޅި ނިޒާމެއް ކަމަށެވެ. ނަމަވެސް މިހާރު މިއުފައްދާ ފަށަލައަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކަމާއިއެކު ހިންގުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
އޭރުން އެލްޖީއޭ އަށް އަންނަ މައްސަލަތައް ވަގުތުން ވަގުތަށް ހައްލު ވާނެ. އެހެންވީމާ އެލްޖީއޭ ފަންކްޝަން ކުރުވަން ހާއްސަ މިނިސްޓަރެއް ހުރުމަކީ ރަނގަޅު ކަމެއް. މިނިސްޓަރެއް ހަމަޖައްސައިފިއްޔާ އޭނާ އަށް އޮފީހެއް ހުންނަން ޖެހޭނެ. އެކަމަކު އެއީ ކުރީ ޒަމާނުގައި އެޓޯލްސް މިނިސްޓްރީ ހިންގި ގޮތަށް ހުރިހާ ކަމެއް އެ މިނިސްޓްރީން ކުރުމެއް ނޫން. އެ ގޮތަށް ހިންގި ޒަމާން ހިނގައްޖެ.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، މިހާރު އެލްޖީއޭ ހިންގަނީ ހޯމް މިނިސްޓަރުގެ ބެލުމުގެ ދަށުން ކަމަށް ވާއިރު އެ މިނިސްޓަރުގެ މެންޑޭޓް މާ ބޮޑު ކަމަށެވެ. އެލްޖީއޭ އަށް މާ ބޮޑު ސަމާލުކަމެއް ނުދެވެއެވެ. މިކަންކަން ބަދަލު ވެގެންދާނީ މިސިޔާސަތު ތަންފީޒު ވެގެންކަމަށް މުއިއްޒު ވިދާޅުވިއެވެ.