އެމްޑީޕީގެ ތެރެއިން އުފެދުނު ޚިޔާލް ތަފާތުވުމުގައި އެޕާޓީން ވަކިވެ އުފެއްދި ދަ ޑިމޮކްރެޓްސް ކައުންސިލްގެ ސާފު ޢައުލަބިއްޔަތު އޮތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ރިޔާސީ ދެވަނަ ދައުރެއް ނުދިނުމަށް ކަން ހާމަކޮށްފިއެވެ.
މިރޭ ބޭއްވި ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލް ބައްދަލުވުމުގައި ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެޕާޓީން ޢަމަލު ކުރާނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މިމަޝްވަރާތަކުގައި ކައުންސިލްގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންވެސް ވަނީ މިސަރުކާރަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވެރިކަން ދިނުމަކީ އެއްގޮތަކަށްވެސް ތާއީދު ކުރާ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.
ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެއިން އެއްވެސް މެމްބަރަކު ރައީސް ޞާލިހަށް ތާއީދު ކުރެވިދާނެ ކަމަށްވެސް ބުނެފައި ނުވެއެވެ. ވަރަށް ޖަޒުބާތުގައި ވާހަކަ ދެއްކެވި މެމްބަރުން ވަނީ މިސަރުކާރު ބަދަލު ކުރުން ނޫންގޮތަށް ނެތްކަމަށް ބުނެފައެވެ. ޑިމޮކްރެޓްސްގެ އިސް މެމްބަފުންގެ ތެރޭގައި ހިމެނޭ އީވާ އާއި، އިންތިއާއި، އަހުމަދު ޒާހިރުއާއި، ބޯދިގު ރަޝީދުއާއި، ފިރުޝާންއާއި، ހަސަން އަފީފް އަދި އަލީ ޢާޒިމް ފަދަ ބޭފުޅުން ވަނީ މިސަރުކާރު ބަދަލު ކުރުމަކީ ޑިމޮކްރެޓްސްގެ ރޫހުކަމަށް ބުނެފައެވެ.
އީވާ ވިދާޅުވީ މިސަރުކާރަށް ބަރުލަމާނީ ނިޒާމު ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވެރިކަމުގެ ތެރޭގައިވެސް އެކި ފަހަރު މަތީން މަޝްވަރާ ކުރެވުނު ކަމަށެވެ. ނަމަވެސް މިކަމަށް ދިނީ ބީރު ކަންފަތެއް ކަމަށެވެ. އަދި ވެރިކަމަށް އައުމުގެ ކުރިންވެސް އެމަޝްވަރާކޮށް ތާރީހުތަކެއްވެސް ރައީސް ޞާލިހު ދެއްވި ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓަށްފަހު ރައީސް ޞާލިހު މިވޯޓަށް ޖާގަ ދީފާނެ ކަމާއިމެދު އެއްވެސް އިތުބާރެއް ނެތްކަމަށް އީވާ ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށް ކޮން ޔަގީން ކަމެއްތޯ އޮތީ މިވޯޓު 30 ސެޕްޓެމްބަރުގެ ފަހުން ނަގާފާނެ ކަމަށް. ވޯޓު ނަގާނަމަ ރައީސް ޞާލިހު މިކަން ކާމިޔާބު ނުވާނެ މިންވަރަކަށް ކަންކަން ކޮށް އަޅުގަނޑުމެން ބަލިކުރާނެ. މިއީ މިވެރިކަމުގެ ތެރޭގައި އަޅުގަނޑުމެން ކުރި ތަޖުރިބާ. އެހެންކަމުން އަޅުގަނޑުމެންގެ ހުށަހެޅުމަކީ އިންތިޚާބުގެ ކުރިން މިވޯޓު ރައްޔިތުންނާއި ހަމައަށް ގެނައުން.
– އީވާ ވިދާޅުވިއެވެ.
ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލްގެ ބައެއް މެމްބަރުން ވަނީ ޝަރުތަކާއި ނުލައި ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑެޓް ޑރ. މުއިއްޒަށް ތާއީދު ކުރުމަށްވެސް އެދިފައެވެ. އޭގެ ބޭނުމަކީ މާމޮޅު ގޮތްތަކެއް ހޯދުން ނޫންކަމަށާއި، ބޭނުމަކީ މިވެރިކަން ބަދަލު ކުރުންކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
ވާހަކަ ދެއްކެވި އެއްވެސް ބޭފުޅަކު ރައީސް ޞާލިހަށް ތާއީދުކޮށް ވާހަކަ ދައްކާފައި ނުވެއެވެ. ބައެއް ބޭފުޅުން ވިދާޅުވީ ރައީސް ޞާލިހާއި ޑރ. މުއިއްޒުވެސް ކަމުނުދާ ކަަމަށް ބުނެފައެވެ. އަދި އެންމެ ރަނގަޅު ގޮތަކީ މިދެބޭފުޅުންނަށްވެސް ތާއީދު ނުކޮށް މެދުގައި ތިބުންކަމަށެވެ.
One Response
ސޯލިހު ބަލިކުރަން ބުނާއިރު ބަލަ ތިޔަ ބައިގަނޑަށް ލިބުނީ އެންމެ ފަނަރަހާސް ވޯޓު ނޫންތޯ. އެ އަދަދު ސޯލިހުގެ 85000 އާ އެއްކުރިޔަސް ކާމިޔާބެއް ނުވާނެ އެއިން ކޮންކަމެއް ވާނީ ކަޅު ކޮތަޅުގަ އުފުލާ ދިޔާއެއް އެއްޗެތި ބޮއިގެން ތިބޭއިރު ހީވާނެ ތިމާމެންނަކީ ވަރަށް ބަޔެކޭ. އެހެންބަޔަކު ސޯލިހު ބަލި ކޮށްފާނެ ކަލޭމެން ތިބޭ މެޑެލް ޖަހަން .