އެޖެންޑާއާއިމެދު ހިތްހަމަ ނުޖެހި އެމްޑީޕީ މެމްބަރުން ޖަލްސާގައި ބައިވެރިވާން ދެކޮޅު ހަދައިފި

އެޖެންޑާއާއިމެދު ހިތްހަމަ ނުޖެހި އެމްޑީޕީ މެމްބަރުން ޖަލްސާގައި ބައިވެރިވާން ދެކޮޅު ހަދައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުހެ ޖަލްސާގެ އެޖެންޑާގައި ހުރި ކަންކަމާއިމެދު ކަންބޮޑުވެ ޖަލްސާގައި ބައިވެރިވުމަށް އެމްޑީޕީގެ މެމްބަރުން ދެކޮޅު ހައްދަވައިފިއެވެ.

މިއަދު ހެނދުނު 09:00 ގައި ފަށަން ތާވަލްކުރި ޖަލްސާ އަދިވެސް ނުފެށެވެ. ޖަލްސާ ނުފެށި ލަސްވަމުން ދަނީ ކޯރަމް ހަމަނުވާތީއެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތިން ފަހަރެއްގެ މަތިން ޖަލްސާ ކުރިއަށް ގެންދަވަން މަސައްކަތް ކުރައްވާފައެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމަށްވަޑައިނުގެން މަޖިލިސް ގޯތިތެރޭގައި ހުންނަ ކުޑަ ދަށުގައި އެބަތިއްބެވިއެވެ.

އެންމެފަހުން 10:15 ގައި މަޖިލިސް ފެއްޓެވުމަށްފަހު މަސައްކަތް ކުރެއްވުމަށްފަހު ނަޝީދު ވިދާޅުވީ މަޖިލިސްގެ އެޖެންޑާ އާއި ގުޅޭ ގޮތުން ޝަކުވާއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެއީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާފައިވާ ޤަރާރުގެ ބަހުސް އެޖެންޑާ ކުރުމުން ލިބިފައިވާ ޝަކުވާއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ އެ ޤަރާރު އެޖެންޑާ ކޮށްފައި ވަނީ މަޖިލީހުގެ ގަވައިދާއި އެއްގޮތައް ކަމަށެވެ.

މިއަދުގެ އެޖެންޑާގައި އަޅުގަނޑަށް ފެންނަ ތަނުގައި އެއްވެސް މައްސަލައެއް ނެތް. އެޖެންޑާ މިއޮތީ ހަމަ އެހެން ދުވަސްދުވަހެކޭ ވެސް އެއްފަދައިން، މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން އެކުލަވައިލެވިފައި.

– މަޖިލިސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު ޖަލްސާ ކުރިއަށް ގެންދެވިއްޖެނަމަ މަޖިލީހުގެ ކޮމެޓީތަކަށް ގެނައި ބަދަލު ފާސްކުރަން ވޯޓަށް އައްސަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ދެން އަލުން ޖަލްސާ ފަށަން މަސައްކަތް ކުރާނީ 11:00 ގައި ކަމަށް ނަޝީދު ވިދާޅުވިއެވެ. މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުން ތިއްބެވީ ކުޑަ ދަށުގައެވެ. ތަކުރާރުކޮށް ކޯރަމް ހަމަކޮށް ދެއްވުމަށް އެދުމުންވެސް އެމްޑީޕީގެ މެމްބަރުން އެކަމަށް ތާއީދެއް ނުކުރެއެވެ.

މަޖިލީހުގައި 87 މެމްބަރުން ތިއްބަވާ އިރު މި ފަހުން ބޭއްވި ގިނަ ޖަލްސާތަކަށް ގަވައިދުން ވަޑައިގަންނަވަމުން ގެންދެވީ ތިރީހަކަށް މެމްބަރުންނެވެ. މަޖިލިސް ޖަލްސާ މިއަދު ވެސް ކުރިއަށް ގެންދަން ހުރަސް އެޅިފައިވާއިރު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭތާ މިހާރު ދެތިންމަސް ދުވަސް ވެއްޖެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *