ފުލުހުންނަށްފަހު އެމްޑީޕީން ބަދަލުހިފުން ދެން އަމާޒުކުރާނީ ދިވެހި ސިފައިންނަށްކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ޢާންމުކޮށް މަޖިލީހުގެ ޖަލްސާތައް ނުބާއްވާ ދެ ދުވަހެއްގައި ހަވީރާއި ރޭގަނޑު ބޭއްވި ޖަލްސާތަކުން މަޖިލީހުން ފާސްކުރި ފުލުހުންގެ ޚިދުމަތުގެ ބިލުގައި ވަނީ ފޭސްބުކް އެކައުންޓްގެ ޕްރޮފައިލް ފޮޓޯ ކަޅު ކުލައަށް ބަދަލުކޮށްގެން އިހްތިޖާޖް ކުރި ފުލުހުންގެ މައްސަލަ އަލުން ބެލުމަށް ހިމަނާފައެވެ. އަދި ފުލުހުންގެ މަޤާމުތަކަށް ބަދަލު ގެނައުމަށްވެސް ހިމަނާފައިވެއެވެ.
އެކަމާއި ގުޅިގެން މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވީ، ފުލުހުންނަށްފަހު އެމްޑީޕީގެ ބަދަލުހިފުން ދެން އަމާޒުވާނީ ދިވެހި ސިފައިންނަށްކަމަށާއި، މިއީ ހަސަދައިގެ ތެރެއިން ފާޅުވާ ނުރައްކާތެރި ނިންމުންތަކެއްކަމަށެވެ. ފުލުހުން ބަގާވާތްކުރިކަމަށް ބުނާއިރު، ސަރުކާރު ބަދަލުކުރި ހަގީގީ ބޮޑުން ތިބީވެސް މިއަދު އެމްޑީޕީ ސަރުކާރުގައިކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވެރިކަމުން ދުރުކުރަން ވެއްޖެކަމަށް ބުނީ މިއަދު އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރ އިމްރާން. 7 ފެބުރުއަރީގައި ޖުމްހޫރީ މައިދާނުން ފެނުނު ބޮޑުން މިސަރުކާރު ކޯލިޝަންގަ. ބަދަލު ހިފޭނެބާ؟ ނަންވާނީ ފުލުހުން އަދި އެމްއެންޑީއެފް؟
-މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު
އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލިސް މިއަހަރުގެ އެންމެ ފަހު ދައުރު ނިމެން ކައިރިވެފައިވަނިކޮށް، ފުލުހުންގެ އޮފިސަރުންތަކެއްގެ މަޤާމު ބަދަލުކުރުމަށާއި، ބައެއް ފުލުހުންގެ މައްސަލަ ބެލުމަށް ހިމަނާފައިވާއިރު، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ 7 ފެބުރުއަރީ 2012 ގައި ފުލުހުން ނުކުމެ ހިންގިކަންކަން އެއީ ނުހިނގާ ކަމެއްގެ ގޮތުގައި ދެކިގެން ފުލުހުންގެ ޤާނޫނަށް އިޞްލާހު ގެނައުމަށް ވިސްނައިފިނަމަ އެއީ ޒަމާންތަކެއް ވަންދެން ރާއްޖެއަށް ދެވޭނެ ވަރަށް ބޮޑު ގެއްލުމެއްކަމަށެވެ.
ކޮމެންޓު ފޮނުވާ