ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަސްތުވާތަކެތީގެ ވަބާޖައި ޒުވާނުން ޖެހި މުޅި ޖީލު ހަލާކުވެގެންދާ ކަމުގެ ހިތްދަތި މައްސަލަ ކަމަށާއި އެމައްސަލަ ހައްލުކޮށް، ތައުލީމީ މަންހަޖަށް ވަށާޖެހޭ ހައްލެއް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފިއެވެ.
މިރޭ ށ.ފުނަދޫގައި ބޭއްވި ޖަލްސާގައި ޑރ. މުއިއްޒުވަނީ ޤައުމަށް ދިމާވެފައިވާ އެންމެބޮޑު އެއްމައްސަލަ ކަމުގައި މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތް ކުރެއްވުމަށް މުހިންމު ހަރުދަނާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މިމަސައްކަތުގައި އެންމެ ބޮޑަށް އަދި އެންމެ އިސްކަންދީގެން ކުރާނެ ކަމަކީ މަސްތުވާކެތި ވަންނަ ދޮރރުތައް ބަންދުކޮށް އެވަބާގަިއ ޖެހޭ ޒުވާނުން ސަލާމަތް ކުރުންކަމަށް މުއިއްޒު ވިދާޅުވިއެވެ.
މަސްތުވާތަކެތި ޤައުމު ސަލާމަތް ކުރުމަށް މުއިއްޒު ހުށަހަޅުއްވާ މުހިންމު ކަންކަން:
– ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުތައް ގާއިމް ކުރުން
– ޑްރަގު އެތެރެވާ ގޮތްތައް ފާހަގަކޮށް އެކަންކަން ތާއަބަދަށް ނިމުމަކަށް ގެނައުމަށްޓަކައި ބަޖެޓުގައި ޚާއްސަ އިސްކަމެއް ދީގެން ފައިސާ ކަނޑައެޅި އެކަންކަން ތަންފީޒު ކުރުން
– ކުށްކުރާ ޒުވާނުން އަނބުރާ މުޖުތަމައަށް އާދެވޭނެ ގޮތެއް ހަދައި، ބިނާ ކުރަނިވި މަސައްކަތްތަކެއް ކުރާ ބަޔަކަށް އެފަރާތްތައް ހެދުން
– ކުށް ކުރާ މީހުންނަކީ ތާއަބަދު ޖަލަށްލައި، އަނިޔާދޭ ބަޔަކަށް ނުހެދުން
– ވާނުވާ ސިސްޓަމް ނިމުމަކަށް ގެންނާނަން
އެތައް އަހަރެއް ވަންދެން މިހާރުވެސް އެތައް ބަޔަކު ޖަލުގައި އެބަތިބި. މިއީ އިންސާފެއް ނޫން. މިކަންކަމަކީ ސަރުކާރުތަކުން ފޯކަސް ނުކުރާ ކަމަކަށްވާނަމަ، މިއީ އެތައް ބަޔަކަށް ދެވޭ މާޔޫސްކަމެއް. މުއިއްޒު ވިދާޅުވިއެވެ.
ހަމަ މިއާއިއެކު މުއިއްޒު ވަނީ ރާއްޖޭގެ މުޖުތަމައުގައި މިހާރު އޮތް ނޭދެވޭ އާދަތަކުން ޤައުމު ސަލާމަތް ކުރުމަށްވެސް މުހިންމު ސިޔާސަތުތަކެއް ހުށަހަޅުއްވާފައެވެ. އެގޮތުން ތައުލީމީ މަންހަޖަށް ހެޔޮ ބަދަލުތަކެއް ގެނެސް މުޖުމަތައުގައި ނެތެމުން ގޮސްފައިވާ ރީތި އާދަތަކާއި އިސްލާމީ އަދަބުތައް އަލުން އިޔާދަ ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
ތައުލީމީ މަންހަޖުގެ ތެރެއަށް ގެންނަ މުހިންމު ބަދަލުތައް:
– ޤައުމިއްޔަތު ޚާއްސަ މާއްދާއެއްގެ ގޮތުގައި މަންހަޖު ތެރޭގައި ހިމެނުން
– އަޚުލާގީ ސިފަތައް ދީނުގައި އޮންނަ އުސޫލުގެ ތެރެއިން ދަސްކޮށްދޭން ބާރު އެޅުން
– މީގެ ކުރިން އޮތް ގުޅުންތަކާއި އަބުރުވެރިކަން އަލުން ގެނައުމަށް މަސައްކަތް ކުރުން
މުއިއްޒު ވިދާޅުވީ މުޖުތަމައުގައި ބޮޑެތި މީހުންނާއި، ގާތް ތިމާގެ މީހުންނަށް އިހުތިރާމްކޮށް ކަމޭ ހިތުމުގެ ރީތި ެއާދަތައް މިހާރު ނެތެމުންދާކަމަށެވެ. މިކަންކަމުން ދުރުވުމަކީ ވަރަށް މުހިންމުކަމަށެވެ. އަދި މިއާދަތަށް އަލުން އަބުރާ މުޖުތަމަށް ގެނެސް އަމާން ސުލްހަވެރި މުޖުތަމައަށް މި މުޖުތަމައު ހެދުމަކީ ކުރައްވާނެ އަދި އިސްކަން ދޭނެ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.
One Response
ކިހެނެއް ތިކަންކުރާނީ އޭގެ ބޮޑުން ތިތިބީ ކައިރީގަ ސެމްބެ އާއެކު