ލާމަރުކަޒީ އުސޫލުން އިދަރީ ދާއިރާތައް ހިންގުމަށް މިހާރު ދިމާވެފައިވާ ދަތިތަކާއިއެކު ކައުންސިލްތައް ބާރުވެރިކޮށް ހިންގުމަށްޓަކައި ޚާއްސަ މިނިސްޓްރީއެއް އުފައްދާ ކައުންސިލްތަކުގެ މަސައްކަތް ހުއްޓުމެއްނެތި ކުރެވޭނެ މަގު ތަނަސް ކޮށްދެއްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި ހދ.ނޮޅިވަރަންފަރުގައި ރޭ ބޭއްވި ޖަލްސާގައި ޑރ. މުއިއްޒު ވަނީ ކައުންސިލްތައް ހިންގެވުމަށް ހުށަހަޅުއްވާފައިވާ ގޮތާއި ގުޅޭގޮތުން ޢާންމު ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ދައްކަވަމުންދާ ވާހަކަތައް ތަފްސީލް ކޮށްދެއްވާފައެވެ. މިސަރުކާރުން ކުރާހާވެސް މަސައްކަތަކީ ދައްކާ ކޮންމެ ވާހަކައެއް ހަގީގަތް އޮޅޭގޮތަށް ރައްޔިތުންނަށް ވިސްނަ ދިނުންކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ކައުންސިލްތައް ހަގީގީ މާނާގައި ބާރުވެރިވެ މަސައްކަތް ކުރެވޭނެ ޖާގަ މިސަރުކާރުން ނުދޭކަމަށެވެ. އެކަން އެންމެ ރަނގަޅަށް ތަޖުރިބާ ކުރި މީހެއްގެ ހައިސިއްޔަތުން ކައުންސިލްތައް ހިންގޭނެ ފަށަލައެއް ސަރުކާރުން ހަމަޖެހެން ޖެހޭ ކަމަށާއި، ކައުންސިލްތައް ބާރުވެރިވެރި ކަމާއިއެކު ހިންގުމަށް ޚާއްސަ މިނިސްޓްރީއެއް އުފައްދަވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަޅުގަނޑު މިދަންނަވަނީ ފުރިހަމަ ގޮތެއްގަ ހަގީގީ މާނާގަ ކައުންސިލްތައް ބާރުވެރި ކުރާނަމޭ. އެކަން ކުރުމަށްޓަކައި އަޅުގަނޑު މިދަންނަވާ ވާހައަކީ މިހާރު އެއްވެސް ވަރަކަށް އަޅާލުމެއް ނޯވޭ. ކައުންސިލްތައް އޮންނަނީ. އެލްޖީއޭ ބާރުވެރިއެއް ނޫން. އެލްޖީއޭ އުޅެންޖެހެނީ ހާލުގަ. އެލްޖީއޭއިން ބުނާއެއްޗެއް އަޑުއަހާ މިނިސްޓްރީއެއް ނޯވޭ މިރާއްޖޭގަ. ބުނާ ގޮތަށް އަހާ އަޑުއަހަ ބަޔަކު ނެތް. އެގޮތަކަށް ނޫން ކައުންސިލްތައް ބާރުވެރި ކުރަނީއަކީއެއް.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މިހާރު އޮންނަ ގޮތުން އެލްޖީއޭއާއި ހަވާލުވެ ހުންނަ ވަޒީރަކީ ހޯމް މިނިސްޓްރީގެ ކަންކަންވެސް ބަލަހައްޓަވާ ވަޒީރު ކަަމަމަށެވެ. ގިނަ ފަހަރަށް ހޯމް މިނިސްޓްރީގެ ކަންކަން ބަލަހައްޓަމުން ކައުންސިލްތަކަށް ދޭންޖެހޭ ސަމާލުކަން ނުދެއްވާކަމީ ފެންނަ އޮތް ހަގީގަތް ކަމަށެވެ. އެހެންކަމުން މިކަން ހައްލު ކުރުރުމަށް އެލްޖީއޭގެ ރައީސަކަށް ހުންނަ މީހަކީ ވަޒީރަކަށް ހަދައި އެމީހާއަކީ ސީދާ ކައުންސިލްތަކަށް ޚާއްސަ ވެގެން ކައުންސިލްތައް ބާރުވެރިކޮށް ހިންގުމަށް ޚާއްސަވެފައިވާ މީހަކަށް ހެދުމަށް ޤާނޫނަށް އިސްލާހު ގެނެސްގެން ބަދަލު ގެންނަވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
ސަރުކާރުން ބަޖެޓް މިދެނީ ބްލޮކް ގްރާންޓް އަދި އެހެން ފުރުސަތުތައްވެސް ސަރުކާރުން ދެނީ. ރާއްޖޭގަ މިއޮންނަ ތިން ބާރުގެ ތެރެއިން ކައުންސިލްތަކަށް އަންނަނީ ސަރުކާރުގެ ތެރެއަށް. ރައްޔިތުންނާއި ހިސާބުން ވެރިކަން ކުރަން ކައުންސިލްތައް މިއޮންނަނީ ރަށްރަށުގަ އުފައްދާފަ. އެކައުންސިލް ދެން މިދަނީ މައި ސަރުކާރަށް.
– މުއިއްޒު ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލްގެ މިހާރުގެ މޭޔަރުކަންވެސް ކުރައްވާ ޑރ. މުއިއްޒަކީ ސިޓީ ކައުންސިލް ހިންގުމުގައި ސަރުކާރުގެ ތެރެއިން ލިބެންޖެހޭ އެއްބާރުލުން ނުލިބިގެން އެތައް ފަހަރަކު އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު އޮންނަ ސިސްޓަމްގެ ތެރެއިން ކައުންސިލްތަކުގެ ބާރު ހަނިވާތީ މުއިއްޒުގެ މި ހުށަހެޅުމާއިއެކު ކައުންސިލްތައް އިތުރަށް ހިންގަން ފަސޭހަވެ ކައުންސިލްތަކަށް އިތުރު ބާރުވެރިކަމެއް ލިބިގެންދާނެއެވެ.