ބޮޑެތި ލޯނުތައް ރީ-ފައިނޭންސް ކުރެވޭނެކަމުގެ ފެހި ސިގުނަލް މިހާރުވެސް ދަނީ ލިބެމުން: މުއިއްޒު

ބޮޑެތި ލޯނުތައް ރީ-ފައިނޭންސް ކުރެވޭނެކަމުގެ ފެހި ސިގުނަލް މިހާރުވެސް ދަނީ ލިބެމުން: މުއިއްޒު

މިސަރުކާރުން ނަގާފައިވާ އަދި ނުދެއްކި ހުރި ބޮޑެތި ލޯނުތައް ރީ-ފައިނޭންސް ކުރެވޭނެ ކަމުގެ ފެހި ސިގުނަލް ލިބެމުންދާކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭންގެ ދެވަނަ ބުރުގައި ހދ. ކުރިނބީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިއިންތިޚާބުގެ ދެވަނަ ބުރާއި ކުރިމަތިލާއިރު އިތުރު ހިތްވަރެއްލައި އިންތިޚާބު ކާމިޔާބު ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންހެހޭ ކަމަށެވެ.

މިބައްދަލުވުމުގައި މުއިއްޒު ވަނީ ދައުލަތުގެ އިޤްތިޞާދީ ހާލަތާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. މުއިއްޒު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ ފުއްދޭވަރުގެ ކަންކަން ރަށްރަށުގައި ނުކޮށް ހުންނަވީ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނޭ ކަމަށެވެ. ކޮންމެ މަހަކުވެސް ރަށްރަށުގައި ހުންނަ ކުދިކުދި ކަންކަން ކޮށްލެވޭ ވަރަށް ދައުލަތަށް އާމްދަނީ ވަންނަމުންދާކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން މިސްމެނޭޖްކޮށް، ބޭކާރު އިސްރާފުތައް ގިނަކޮށް ކުރަން ނުޖެހޭ އެތައް ޚަރަދެއް ކުރާތީ މިހެން ހުންނަ ކަންކަން ކުރުމަށް ޖާގަ ނޯންނަ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެއްވެސް ހަރުދަނާ ކަމެއްނެތި ކަންކަން ކުރުމުން ފައިސާ ޗާޕްކޮށް، މުސާރަ ދޭންވެސް ލޯނު ނަގާ ހިސާބަށް ދިއުމަކީ ދައުލަތުގެ އިޤްތިޞާދު ބޮއްސުން ލައިގެން ދިޔަ ސަބަބު ކަމަށެވެ.

އަޅުގަނޑުމެން މައިގަނޑު އިޤްތިޞާދީ ސިޔާސަތު ހަމަޔަކަށް އަޅުވާނަން. ފައިސާ ޗާޕްކުރުން ނިމުމަކަށް ގެނެސް އަދި ދައްކަން ހުރި ލޯނުތަކަށް ފައިސާ ހޯދޭނެ ގޮތްތައް އަޅުގަނޑުމެންނަށް އެބަހުރި ފަހިވެފަ. މިހާރުވެސް އަޅުގަނޑުމެންނާ ގާތް ރަހުމަތްތެރި ބައެއް ދިމަދިމާލުން އެބަހުރި ގްރީން ސިގުނަލް ލިބިފަ މިހުރި ބޮޑެތި ލޯނުތައް ރީ ފައިނޭންސް ކުރެވޭނެ ގޮތްގޮތް.

– މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އިޤްތިޞާދީ ގޮތުން އެއްވެސް ގޮންޖެހުމެއް އަދި ހުރި ގޮންޖެހުންތަކުން އަރައި ގެނެވޭނެ ކަމުގެ އެއްވެސް ކަންބޮޑުވުންމެއް ހާސް ކަމެއް ނެތްކަމަށެވެ. އަދި ވަމުންދާ ކޮންމެ ވައުދަކީ ހުށަހަޅާ ކޮންމެ ކަމަކީ ފުއްދޭނެކަމުގެ ޔަގީންކަން އޮތް ވައުދުތަކެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަޅުގަނޑުމެން އެއްވެސް ކަންބޮޑުވުމެއް ހަގީގަތުގައިވެސް ނެތް ރާއްޖޭގެ އިޤްތިޞާދު ހައްލު ކުރުމަށް. އެހެން ވީމާ އެޑިއުކޭޓެޑް އިލްމީ ބޭފުޅުންނަށްވެސް އުފައްދަވާ ސުވާލުތަކަށް ދޭން އޮތް ޔަގީންކަމަކީ އަޅުގަނޑެއް ނުވާނަމޭ ނުކުރެވޭ ނުފުއްދޭނެ ވަރުގެ ހަމަ އެންމެ ވައުދެއްވެސް.

– މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ކުރިނބީ ރައްޔިތުން އެދޭ ހުރިހާ ކަމެއް ހާސިލް ކޮށްދެއްވާނެކަމަށެވެ. އެކަންކަން ކޮށްދޭނީ ރައްޔިތުންގެ މަޝްވަރާގެ މަތީން ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *