ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި ފުރަތަމަ ދުވަހުއެކަނިވެސް 9000އަށްވުރެ ގިނަ މީހުން ފޯމް ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ، ރިޔާސީ އިންތިހާބު 2023 ގެ ދެވަނަ ބުރުގެ ރީ-ރަޖިސްޓްރޭޝަންގެފުރަތަމަ ދުވަހު އެކަނިވެސް 9 ހާހަށް ވުރެ ގިނަ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިކަމަށެވެ. އޭގެތޭރޭގައި އޮންލައިންކޮށް 7 ހާހަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާކަމަށް ހަބީބު ވިދާޅުވިއެވެ.
ދެވަނަ ބުރުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު ހުކުރު ދުވަހުގެ މެންދުރުފަހު 03:00އިން ފެށިގެން އާދީއްތަ ދުވަހުގެ މެންދުރުފަހު 04:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ރަށަކަށް ނުވަތަ ތަނަކަށް ރަޖިސްޓަރީވާން އެދޭ މީހުން އެކަނިކަމަށް އީސީން ބުންޏެވެ.
އެކޮމިޝަނުން ވަނީ ރިޔާސީ އިންތިހާބު 2023 ގެ ދެވަނަބުރުގެ ރީ-ރެޖިސްޓަރ ކުރުމަށް، ގިނަ އަދަދެއްގެ ފޯމު ހުށަހަޅާ ފަރާތްތަކުން، ގެންނަ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން، އިލެކްޝަންސް ކޮމިޝަންގެ ފޯނު ނަންބަރަކުން، ފޯމު ހުށަހަޅާ ފަރާތްތަކަށް ގުޅާނެކަމަށެވެ. އަދި ސައްހަނޫން ފޯމެއް ހުށަހަޅައިފިނަމަ، އެ ފޯމެއް ހުށަހެޅި ފަރާތަކާ މެދު ފިޔަވަޅު އަޅަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާކަމަށްވެސް އީސީން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން އެދެނީ، އެއްވެސް މީހެއްގެ ވޯޓުލުމުގެ ހައްގަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށްކަމަށް އެކޮމިޝަނުން ބުންޏެވެ.
ކޮމެންޓު ފޮނުވާ