ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ޚާއްސަ އިންސައްތައެއް ކަނޑައަޅާ މިނިވަން ކަމާއިއެކު މީޑިއާތައް ހިންގޭނެ ގޮތް ހަމަޖަައްސަދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ މަހިބަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މީޑިއާއަކީ ދައުލަތުގެ 4 ވަނަ ބާރުކަމަށެވެ. އަދި ޑިމޮކްރަސީ ނަގައި ކޮޅަށް ޖަހައި ޑިމޮކްރަސީގެ ހަމަތަކާއިއެކު ދައުލަތް ހިންގުމަށް އެންމެ ބޮޑަށް ފާރަވެރިވެ ޒިންމާދަރު ކުރުވާ ބަޔަކީ މީޑިއާތައް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިހާރުވެސް ސަރުކާރުން އެކި މީޑިއާތަކަށް ނުފޫޒު ފޯރުވާ ކަމުގެ ވާހަކައަކީ އިވޭ ނުހުއްޓުނު ވާހަކައެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިކަން ހުއްޓުވޭނެ ނިޒާމަކީ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ އުސޫލުން މީޑިއާތަކަށްވެސް ފައިސާ ދޫކުރާނެ ނިޒާމެއް ކަނޑައަޅައި ބަޖެޓުން ވަކި ޕަސެންޓެއް ކަނޑައެޅުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިކަން ކުރުމަށް ޤާނޫނާއި ގެނަން ޖެހޭ އިސްލާހު ގެނެސް މިކަމަށް ޖާގަ ހޯދާ ދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މީޑިއާތައް ހިންގައި މީހުން ތަމްރީން ކުރުމަށް އެކަށީގެންވާ ނިޒާމެއް ހަމަ ޖައްސައި މީޑިއާގެ މިނިވަންކަން ކަށަވަރު ކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. މިކަން މިގޮތަށް ކަނޑައެޅުމުން ވަކި އޮފީހަކުން ވަކި ކުންފުންޏަކުން ފައިސާ ދިނުމުން ވަކި ގޮތަކަށް ޚަބަރު ގެނެސްދޭން ޖެހޭ ޖެހުމަށް ނިމުންއައިސް މިނިވަން ކަމާއިއެކު ޚަބަރާއި މައުލޫމާތު ގެނެސް ދިނުމަށް ޖާގަ ލިބިގެންދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ ރާއްޖޭގެ ނޫސްވެރިން މިކެމްޕޭންގައި ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާ ކުރައްވާފައެވެ.