ރާއްޖޭގައި ކިޑްނީ ބަލީގައި ޑައިލެސިސް ހަދަމުންދާ ފަރާތްތަކަށް މާލޭގައި މިހާރު ޑައިލެސިސް ހެދުމަށް ބޭނުން ކުރާތަން ބަދަލުކޮށް އެންމެ ޒަމާނީ ޑައިލެސިސް ސެންޓަރެއް މާލޭގައި އަތޮޅޫ ތެރޭގެ ބައެއް ސަރަހައްދު ތަކުގައިވެސް ގާއިމް ކޮށްދެއްވާނެކަމަށް ޕީޕީއެމް/ޕީއެމްސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގައި އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށް ރަށްތަކަށް ކުރައްވާ ދަތުރުތަކުގެ ތެރެއިން އދ. މަހިބަދޫއަށް ވަޑައިގެން އެރަށުުގައި މިރޭ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭޖޭގެ ޞިއްޚީ ނިޒާމަކީ މިސަރުކާރުން ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ދާއިރާއެއް ކަަމަށެވެ. އެކި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ބޮޑެތި ތަކުލީފް ތަކާއިއެކު ފަރުވާގެ ކަންކަން ފުރިހަމަ ކުރަމުންދާކަމުގެ ކަންބޮޑުވުން އިންތިހާއަށް ލިބެމުންދާކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ޑައިގްނޯސްޓިކް ބަލިތަކަށް ފަރުވާ ހޯދާ 4،000 އަށްވުރެ ގިނަ މީހުން ތިބިކަމަށެވެ. މިމީހުންގެ ތެރެއިން ބައެއް މީހުންނަށް ލިބޭ މުސާރަ އެއްކޮށް އެކި ބަލިތަކަށް ފަރުވާ ހޯދުމަށް ބޮޑެތި ޚަރަދު ހިނގާކަމަށް މުއިއްޒު ވިދާޅުވިއެވެ. މިކަމަށް ލުޔެއް ދިނުމަށް އެލަވެންސެއް ގާއިމް ކޮށް ދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭގައާއި، އަތޮޅު ތެރޭގައި ތެލެސީމިއާއަށް ފަރުވާ ހޯދާ ފަރާތްތަކަށްވެސް މިހާރު ފަރުވާ ހޯދުމަށް އެކަށީގެންވާ ގޮތްތަކެއް ހަމަޖެހިފައި ނުވާކަމަށް މުއިއްޒު ވިދާޅުުވިއެވެ. އަދި މާލޭގައި ހުރި ތެލެސީމިއާ ސެންޓަރަކީ މިހާރު އެއްވެސް ހަމައެއް ލަމައެއް ނެތި ހިނގާ ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ދަތި ތަނަކަށް ވެފައިވާކަމަށެވެ. އެކަން ބަދަލުކޮށް ތެލެސީމިއާ ކުދިންނަށް ފަރުވާދެވޭނެ ރަނގަޅު ސެންޓަރެއް ގާއިމް ކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ބައެއް ޞިއްޚީ ވައުދުތައް:
– ޑައިބެޓިކްސްގެ ހުރިހާ ބަލިތަކަށް ބޭނުންވާ ފަރުވާ ލިބޭނެ ނިޒާމެއް ގާއިމް ކުރުން
– ޑައިލެސިސް ސެންޓަރު މިހާރު ހަރުދަނަކޮށް އެންމެ ޒަމާނީ ފެނަވަރުގައި ފުރިހަމަ ޑައިލެސިސް ސެންޓަރެއް މާލެއާއި، ރާއްޖެ ތެރޭގައި ގާއިމް ކޮށްދިނުން
– ޖާގަ ބޮޑު ތެލެސީމިއާ ސެންޓަރެއް ޤާއިމް ކޮށްދިނުން
މުއިއްޒު ވިދާޅުވީ ސިއްޚީ ނުޒާމުގައި ހުރި މައްސަލަތައް ހައްލު ކޮށްގެން ނޫނީ ރާއްޖޭގެ ތަރައްޤީވެސް ކުރިއަށް ނުދާނެކަމަށެވެ. ހެޔޮ ސިއްޚަތެއްގައި ރައްޔިތުން ނުތިވެ ރައްޔިތުންނަށް ކުރެވޭނެ މަސައްކަތެއްވެސް ނޯންނާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.