މިސަރުކާރު މިހާރު މިއޮތީ ނޭވާ ހޮޅިއަށްއެޅި ފަހުނޭވާ ލުމުގެ މަގުމަތީގައިކަމަށާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ރައްޔިތުން ފާޅުގައި ނޫނެކޭ ބުނެފިކަމަށް ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ޑރ.މުޢިއްޒުގެ ކެމްޕެއިނަށް އއ، ބޮފުޅަދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މިސަރުކާރު މިހާރު މިއޮތ ނިމިފައިކަމަށާއި، ސަރުކާރަށް ނޭވާ ލެވޭނެ ގޮތެއް ނެތްކަމަށް އަދުރޭ ވިދާޅުވިއެވެ. ޕީޕީއެމް/ޕީއެންސީ މަސައްކަތްކުރަނީ ރައްޔިތުންނަށް ތަރައްޤީއާއި ހިތްހަމަޖެހުން ގެނެސްދިނުމަށްކަމަށާއި، ވެރިކަމަށް އަންނަން މަސައްކަތްކުރަނީ ދިވެހި ރާއްޖެއަށް ހަމަ ހަގީގަތުގައިވެސް ރަނގަޅު ގޮތް ހޯދައިދިނުމަށްކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ރާއްޖެ ބިނާކުރާނެކަމަށް ވިދާޅުވެ އަދުރޭ ވަނީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބެން ނޭދޭކަމަށް ހާމަކުރައްވާފައެވެ.
ފާޑުފާޑުގެ ނޫސްކޮންފަރެންސްތައް ބާއްވައިގެން އެވާހަކަތައް މިހާރު ޤަބޫލުކުރާނެ ރައްޔިތަކު މި ރާއްޖޭގައި ނުހުންނާނެ. އެވާހަކަ ދައްކަން މިއަދު އެ ޖެހުނީ ތިބީމަ. ކީއްވެގެންތޯ މީގެ ކުރީގަ އެވާހަކަ ނުދެއްކީ. މިސަރުކާރު ނޫންތޯ ބުނީ އެބަތިއްބޭ. އަޅުގަނޑުމެން އަރާ އެވާހަކަ ދައްކަން ފެށީމަ ބުނީ ނެތޭ. ދެން އެވާހަކަ ދެއްކީމަ ބުނީ އެބަތިއްބޭ އެކަމު ހަތިޔާރެއް. ނެތޭ. ދެން އެވާހަކަ ދެއްކީމަ ބުނީ ހަތިޔާރު އެބަތިއްބޭ އުތުރު ތިލަފަޅުގައޭ ތިބީ. ދެން އެވާހަކަ ދެއްކީމަ ބުނީ އެއީ ޓްރެއިނިން ހަދަން އައިސްތިބި ބައެކޭ.
– ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، ވެރިކަން ހޯދުމަށް މި މަސައްކަތްކުރަނީ ރައްޔިތުންގެ މާދަމާގެ މުސްތަޤުބަލު އުޖާލާކޮށްދީ، އަމާން ވެއްޓެއް ޤާއިމްކޮށްދިނުމަށްކަމަށެވެ. ދަރިގެ ދަރިންނަށް މި ރާއްޖޭގެ މިނިވަންކަން އަމާންކަމާއެކު އުޅެވޭނެ މާހައުލެއް ޤާއިމްކޮށްދިނުމަށް މަސައްކަތްކުރައްވާކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި މަސައްކަތްކުރައްވަނީ އަޅުވެތިކަމަށް ދިވެހި ދިޔަނުދީ ކާބަފައިންލެޔާ ދާ އޮހުރުވައިގެން ވާރުތަކޮށްދިން ދިވެހިންގެ ރާއްޖެ އެކުދިންނަށް ފޯރުކޮށްދިނުމަށްކަމަށެވެ.
އަދުރޭ ވިދާޅުވީ ޑރ.މުއިއްޒުގެ އަބުރު ކަތިލުމަށް ޖާގަ ނުދެއްވާނެކަމަށެވެ.
އަދުރޭ ވިދާޅުވީ މިމަހުގެ 9 ވަނަ ދުވަހު އޮތް އިންތިޚާބުން، ރައްޔިތުން އިބްރާހީމް މުޙައްމަދު ޞާލިޙަށް ނޫނެކޭ ބުނެފިކަމަށެވެ. އެއީ ވެރިކަމަށް ޤާބިލް ބޭފުޅެއް ނޫންކަމަށްވެސް ރައްޔިތުން ބުނެފިކަމަށާއި، މިސަރުކާރުގައި ތިބި އެއް އެއްވެސް މީހަކަށް ރައްޔިތުން އިތުބާރު ނުކުރާކަން ދައްކުވައިފިކަމަށް ވިދާޅުވިއެވެ.
އަދި އިސްލާމްދީން އިނގިރޭސިން ކިޔަވައިދިނުމަށް ވަރަށް ސާފުކޮށް ނޫނެކޭ ބުނެފިކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އަދި ދިވެހިން ކަންކަންކުރަންވީ ގޮތް އިންޑިއާ ސަފީރަށް ވިދާޅުނުވެވޭނެކަމަށްވެސް ރައްޔިތުން ބުނެފިކަމަށް އަދުރޭ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ