ސަރުކާރުން ކިތަންމެ ވަރަކަށް އަބުރު ކަތިލައި، ދޮގުމައްޗަށް ދޮގު ހަދައި ފިތުނަ ފަސާދަ އުފައްދަން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އަމިއްލަ ނަފްސަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި، ނަސްރު ލިބޭނީ އަބަދުވެސް ހައްގު މަގުގައި ތިބޭ ބަޔަކަށް ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ރާއްޖޭގެ ރައްޔިތުންގެ އެއްލަކަ ވޯޓުގެ އިތުބާރާއި ލޯތްބާއިއެކު އިންތިޚާބުގެ ދެވަނަ ބުރުގައި ކާމިޔާބު ހޯދުމަށް ގަދަ އަޅާ މަސައްކަތް ކުރަމުންދާ ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުއިއްޒު ވިދާޅުވީ ދިވެހި ރައްޔިތުން މިސަރުކާރަށް ބޮޑު ތަނުން ނޫނެކޭ ބުނުމުން މިހާރު މަސައްކަތް ފަށާފައިވަނީ ރައްޔިތުންގެ ހިތްތަކުގައި ފިތުނަ ފަސާދަ އުދައްދާ ދޮގު މައްޗަށް ދޮގު ހަދައި ހަގީގަތް އޮޅުވާލުމަށް ކަމަށެވެ.
ކެމްޕޭންގެ ފުރަތަމަ ބުރުގައިވެސް ފެނިގެން ދިޔައީ އަބުރު ކަތިލައި، ފިތުނަ ފަސާދަ އުފެއްދި މަންޒަރު ކަމަށާއި، ނަމަވެސް ރައްޔިތުން އެކަން ބަލައި ނުގަންނަކަން ހާމަކޮށްދީފައި ވާކަމަށެވެ. ކުރާ ކޮންމެ މަސައްކަތެއްގައިވެސް އަބަދުވެސް އިސްކުރާނީ ޤައުމާއި ރައްޔިތުން ކަމަށާއި، އެއްވެސް މީހެއްގެ ހައްގަކަށް އަރައިގަނެ ރައްޔިތުންނަށް ގެއްލުންވާނެ ފަދަ ކަމެއް ދުވަހަކުވެސް ކޮށްފައި ނުވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެކަން މިހާތަނަށް ކުރެއްވި މަސައްކަތުގައި ޝާމިލުވި ފަރާތްތަކާއި ދިވެހި ރައްޔިތުން އެކަމަށް ހެކިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކިތަންމެ ދޮގެއް ހެދިޔަސް އަމިއްލަ ނަފްސަށް ފުރިހަމަ އިތުބާރު އެބައޮތް. އެއްވެސް މީހެއްގެ ހައްގަކަށް އަރައި ގަނެފައި ނުވާނެ. އަދި އަރއިި ނުވެސް ގަންނާނަން. އަޅުގަނޑުގެ ފަރާތުން ފެންނާނީ ތެދުބަހުން ވާހަކަ ދައްކާތަން. ބަހާއި ޢަމަލާ ދިމާވާނެ. މިކަން ދިވެހި ރައްޔިތުން ޔަގީން ކުރައްވާ.
– ޑރ. މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތުގައި އަބަދުވެސް ކާމިޔާބު ލިބޭނެކަމަށެވެ. މިސަރުކާރުން ކުރާ ކޮންމެ ކަމެއްގައި އޮންނަނީ ނުބައި ނިޔަތާއި، ދޮގާއި އުޅުވާލުން ކަމަށްވުމުން އެކަންމަކީ ކާމިޔާބު ވާނެ ކަމެއް ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ. ދިވެހި ރައްޔިތުންނަށް މިވެރިކަމުގައި ކަންކަން އޮޅުވާލައި ހަގީގަތް އޮޅުވާލުމަކީ ރައްޔިތުންގެ އިތުބާރު ގެއްލިގެން ދިޔަ ސަބަބުކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ވެފައި ވައުދުތައް ނުފުއްދުމާއި، ބޭރުގެ ފަރާތްތަކާއި ވެފައިވާ އަޑިނޭގޭ ނުރައްކާތެރި އެއްބަސްވުންތަކުގެ ހަގީގަތް ހާމަ ނުކުރުމާއި، ރައްޔިތުން އެދިއެދިތިބި އެތައް ސުވާލުތަކަށް ޖަވާބު ނުދީ ކަންކަން ފޮރުވާ ސިއްރު ކުރުމަކީ ދިވެހި ރައްޔިތުންގެ އިތުބާރު ގެއްލުނު ކަންތައްކަމަށެވެ. މުއިއްޒު ވިދާޅުވީ ރައްޔިތުން ދޫކޮށްލާފައި އަމިއްލަ އެދުން އިސްކޮށްފިނަމަ އެކަމެއްގައި ކާމިޔާބު ނުވާނެއެވެ. މުއިއްޒު ވަނީ ކުރާ ކޮންމެ ކަމެއްގައި ރައްޔިތުންނާއި ޤައުމު އިސްކޮށްގެން ނޫނީ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.