ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގުޅިގެން މަސައްކަތްކުރުމަށް ޕީޕީއެމް-ޕީއެންސީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރްއެމް އިން މަޝްވަރާކޮށްފިއެވެ.
މި ބައްދަލުކުރެއްވުމުގައި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ އިސް ބައެއް ބޭފުޅުންނާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް — އެމްއާރްއެމްގެ އިސް ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްވަރާތައް ބާއްވާފައިވާއިރު އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތުން މަޝްވަރާ ބައްދަލުވުމަކަށް ދައުވަތު ލިބިފައިވާ ކަމަށް އެމްއާރްއެމްގެ ރައީސް އަދި ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫން ވަނީ ވިދާޅުވެފައެވެ. ފާރިސް ވަނީ އިންތިހާބުގައި ނިންމަވާ ގޮތެއް ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ފާރިސް ޕީޕީއެމް/ޕީއެންސީއަށް ތާއީދު ކުރަން ނިންމަވާފައިވާއިރު، އިއްޔެ އެމްއެންޕީން ވަނީ ޑރ.މުއިއްޒާއިިކު ދެވަނަ ބުރުގައި މަސައްކަތް ކުރުމަށް ކޯލިޝަން ހަދާފައެވެ. ފާރިސްއަށް އިންތިޚާބުގެ ފުރަތަމަ ބުރުގައި ލިބިފަިއިވަނީ 2979 (%1) ވޯޓު ލިބިފައެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން އެންމެ ގިނަ ވޯޓާއެކު ކުރި ހޯއްދަވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. އެއީ ވޯޓުލީ މީހުންގެ %46.06 ވޯޓާއެކުއެވެ. އެމަނިކުފާނަކީ ކެންޑިޑޭޓް ނަންބަރު 4 އެކެވެ. ދެވަނަ ހޯއްދަވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެމަނިކުފާނަށް ލިބިވަޑައިގަތީ ޖުމްލަ %39.05 ވޯޓެވެ. ރައީސް ޞާލިޙުގެ ކެންޑިޑޭޓް ނަންބަރަކީ 3 އެކެވެ.