ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކޮންމެ ބޭފުޅަކުވެސް ގޮތް ނިންމަންވާނީ ސިޔާސީ ގޮތުން ލިބޭ ފައިދާއަކަށް ބެލުމަށްފަހު ނޫންކަމަށާއި، ގޮތް ނިންމަންވާނީ ޤައުމު އިސްކޮށްގެން ޤައުމީ މަސްލަހަތު ހިފެހެއްޓޭނެ ގޮތަކަށް ވިސްނުމަށް ފަހު ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި މިރޭ އޮތް ޖަލްސާގައި ހުޅުމާލޭ ރައްޔިތުންނާއި މުޚާތަބްކޮށް ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ދިވެހި ރައްޔިތުންނަށް މިއަދު އޮތް އެންމެ ބޮޑު ސުވާލަކީ މިނިވަން ކަމުގެ ސުވާލު ކަމަށެވެ. ރާއްޖޭގެ މިނިވަންކަމާއިމެދު ސުވާލު އުފެދޭ އެތައްކަމެއް މިސަރުކާރުން ކޮށްފައިވާއިރު ރައްޔުތުން އެކަންކަމުގައި ކަންބޮޑުވުން ޖަވާބު ހޯދުމަށް އާދޭސް ކުރުމުންވެސް މިސަރުކާރުން ދިނީ ބީރު ކަންފަތެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އިންތިޚާބުގެ ދެވަނަ ބުރަށް ދިވެހި ރައްޔިތުން ކުރިމަތިލާއިރު އިންތިޚާބުގައި ވާދަކުރެއްވި ސިޔާސީ ލީޑަރުންނާއި، ޕާޓީތަކުގެ އިސްބޭފުޅުންނާއި ޢާންމު މެމްބަރުންވެސް އެންމެ ބޮޑަށް އިސްކަންދޭންވީ ސިޔާސީ ގޮތުން ލިބޭ މަންފާއަކަށްވުރެ ޤައުމާއި ރައްޔިތުން އިސްކޮށް ނިންމާ ނިންމުމެއް ނިންމުމަށް ކަމަށެވެ.
ސިޔާސީ ވިސްނުން އެއްކިބާކޮށް، ހުރިހާ ޕާޓީތަކުން މިއަދު ވިސްނަންވީ ޤައުމީ ވިސްނުމަކުން. މިނިވަން ކަމާއިމެދު ތޯތޯކޮށް ކަން ކުރާ ބަޔަކަށް އަޅުގަނޑުމެން ވެގެން ނުވާނެ. މިނިވަން ކަމަކީ އެއްވެސް ޝަރުތެއް އޮތް ކަމަކަށް ވެގެން ނުވާނެ. އެއްވެސް ޝަރުތަކާއި ނުލައި މިނިވަންކަން ބަލައި ގަންނަ ބަޔަކާއިއެކު އަޅުގަނޑުމެން ކުުރިއަށްދާނީ.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މެނިފެސްޓޯގައިވާ ގޮތަށް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވައުދުވެފައިވާ ކަންކަން ކޮށްދެއްވާނެކަމަށެވެ. އެގޮތުން ބޯހިޔާ ވަހިކަން ކަށަވަރުކޮށް، މިހާރު ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހަމަޖައްސަން ޖެހޭ ކަންކަން ހަމަޖައްސައި ބޮޑެތި ލުއިފަސޭހަތަކެއް ހޯދާ ދެއްވާނެކަމަށެވެ. ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރު ކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އިސްކަމެއް ދީގެން، ޚާއްސަ ފްލެޓްތަކެއް އަޅާދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެފްލެޓްތައް ވެގެންދާނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޑިޒައިން ކޮށްގެން ހެދޭ ފެލެޓްތަކަކަށް ކަމަށާއި، މިފްލެޓްތަކަކީ ގުރުއަތު ނުލައި ޚާއްސަ ކުރެވޭ ފްލެޓްތަކަކަށް ހަދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ހުޅުމާލޭގައިވެސް އަދި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހުރި ސޯޝަލް ހައުސިން ސްކީމްތަކަށް ދައްކަންޖެހޭ ފައިސާގެ ޖޫރިމަނާ މަޢާފް ކޮށްދެއްވާނެކަމަށެވެ. އަދި އެއްވެސް މީހަކަށް ލިބޭ ގޯއްޗެއް، ލިބިފައިވާ ސިޔާސީ ވަޒީފާއެއް ނޫން ވަޒީފާއެއް، އަދި އެނޫންއެއްޗެއްވެސް އަތު ނުލައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.