އިންތިހާބު ކާމިޔާބު ކުރައްވާނީ ގާސިމް ތާއީދުކުރައްވާ ކެންޑިޑޭޓެއް: އިލްހާމް

އިންތިހާބު ކާމިޔާބު ކުރައްވާނީ ގާސިމް ތާއީދުކުރައްވާ ކެންޑިޑޭޓެއް: އިލްހާމް

Author
އަހުމަދު
11 ސެޕްޓެމްބަރ 2023 07:52
0

މި މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ތާއީދު ކުރައްވާ ކެންޑިޑޭޓެއް ކަމަށް ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް ދިޔައީ ފަސް ވަނައަށެވެ. ވޯޓުލީ މީހުންގެ %2 ވޯޓާއެކުގައި ގާސިމަށް ލިބިވަޑައިގަތީ 5،000 އަށް ވުރެ ގިނަ ވޯޓެވެ. އެއާއެކު، އޭނާ އަކީ "ކިންގް މޭކާ" އެއް ކަމަށް ދެކުނު ކިތަންމެ ބަޔަކު ވަނީ އެ ވިސްނުން ދޫކޮށްލައިފައެވެ. އަދި އާ "ކިންގް މޭކާ" އަކީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ކުރިމަތިލެއްވި އިލްޔާސް ލަބީބް ކަމަށް ގިނަ ބަޔަކު ވަނީ ދެކެން ފަށައިފައެވެ. އެއީ 15،000 އަށް ވުރެ ގިނަ ވޯޓާއެކުގައި އިލްޔާސް ތިން ވަނަ ހޯއްދެވީމައެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންނެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު ލައްކައަކަށް ވުރެ ގިނަ ވޯޓު ހޯއްދެވި އިރު، ރައީސް ވަނީ 85،000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފައެވެ.

އިލްހާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާސިމަށް ވޯޓް ދެއްވި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ހޮވުނު ކެންޑިޑޭޓުންނަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާ ކަމަށް ވެސް އިލްހާމް ވިދާޅުވިއެވެ.

"މާތް ﷲ ސުބުހާނަހޫ ވަތައާލާގެ ވާގިފުޅާއެކު މިރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އޮނަރަބްލް ގާސިމް އިބްރާހީމް ތާއީދު ކުރައްވާ ކެންޑިޑޭޓެއް." އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ ވަގުތާއި ހާލަތުގެ ގޮތުން ގައުމަށް އެންމެ ފައިދާ ހުރި ގޮތަކަށް ބަލައި ވަރަށް އަވހަަށް ގާސިމް ނިންމަވާ ނިންމެވުން ރައްޔިތުންނާ ހިއްސާ ކުރައްވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.