މި މަހުގެ ފަހުކޮޅު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހަދާނެ ބަޔަކާ މެދުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން މިރޭ ގޮތެއް ނިންމުމަށް ހަމަޖެހިފައިވާ ކަން "ހަބަރު އޮންލައިނަށް" އެނގިއްޖެއެވެ.
އެނގިފައިވާ ގޮތުގައި އެމްއެންޕީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ. އެ ބައްދަލުވުމުގައި އެމްއެންޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓު އަދި ރައީސް މުހައްމަދު ނާޒިމް ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ނުކުތް ނަތީޖާ އެމްއެންޕީން ވަނީ ގަބޫލުކޮށްފައެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބުގައި މަސައްކަތްކޮށްދެއްވި، ހުރިހާ ވޮލަންޓިއަރުންނަށާއި، މުވައްޒަފުންނަށާއި އަދި ވޯޓުދިން ހުރިހާ އެންމެންނަށް ވަރަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
ޕާޓީ އުފައްދައިގެން މިވީ ދެ އަހަރާއި ގާތްކުރާ މުއްދަތުގައި އެ ޕާޓީން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، ވޭތުވެދިޔަ ތަނުގައި މި ޕާޓީއާއެކު ތިބި މީހުންނަށްވެސް ޝުކުރު އަދާ ކޮށްފައިވެއެވެ. އެމްއެންޕީން ބުނީ އެ ޕާޓީއަކީ ރައްޔިތުންނަށް ހިދުމަތްކުރުމަށް އުފައްދާފައިވާ ގައުމީ ފިކުރުގެ ޕާޓީއަކަށް ވުމާއެކު، އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ކުރިޔަށް ގެންދާނެ ކަމަށެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ނާޒިމް ދިޔައީ ހަތް ވަނައަށެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އޭނާ އަށް ލިބުނީ 1،915 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ %0.87 މީހުންނެވެ.
މި މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުން ކަމަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު ވަނީ އިންތިހާބުގައި ލައްކައަކަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފައެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 85،000 އަށް ވުރެ ގިނަ ވޯޓެވެ.
ކޮމެންޓު ފޮނުވާ