ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، މާލެ އިން ޖާގަތައް އުފައްދައި ޒުވާނުންނަށްޓަކައި ކުޅިވަރު ފެސިލިޓީތައް ގާއިމުކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މާފަންނުގައި ހުރި ކަމްޕޭން ޖަގަހައެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މާލޭގައި ބިމުގެ ޖާގައިގެ ދަތިކަން ބޮޑު ނަމަވެސް ފުޓްސަލް ދަނޑާއި ނެޓްބޯޅަ ދަނޑާއި ހޭންޑް ބޯޅަ ކޯޓު ފަދަ ތަންތަން އަޅަން ހުރި ނަމަވެސް އެކަށީގެންވާ ވަރަށް އެފަދަ ކޯޓުތައް އެޅިފައި ނުވާ ކަމަށެވެ. މާލޭގައި ސަރުކާރުގެ ކުންފުނިތަކުގެ 19 ވަރަކަށް ބިންތައް ހިފަހައްޓާފައިވާ އިރު، އިންޑަސްޓްރިއަލް ޒޯނަށް ބިންތައް ބަދަލު ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި އެއްބަސްވުންތައް ހަދައި ބިން ވެސް ކަނޑައެޅި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެކަމަކު، ޔާމީންގެ ވެރިކަން ނިމިގެން ދިއުމުން އެކަން ތަންފީޒުވެގެން ނުދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެސްޓީއޯ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ މިހެން ކިއާނެ ކަމެއް ނެތް މާލޭގައި ބިންތައް ހުރި ކުންފުނިތަކުން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުވާ ގޮތަށް ބިން ވެސް ދީފައި އެގްރީމަންޓް ވެސް ހަދާފައި ހުންނާނީ މާލެ ތެރޭގެ ކޮށިތައް ދޫކޮށްލައި އެތަނަށް ބަދަލުވެ ހައިރައިޒް މަލްޓި ސްޓޯރީ ވެއާ ހައުސް ބިލްޑިން ވިއްޔާ، ވެއާ ހައުސް ބިލްޑިންތަކެއް އަޅާފައި އެތަނަށް ކުންފުނިތަކުން ބަދަލު ކުރާ ގޮތަށް. ބަދަލު ކުރަން މުއްދަތެއް ހަމަޖައްސައި އެގްރީމަންޓް ކުރީ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ކޮންމެ ކުންފުންޏެއްގެ ވެރިން އެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވާނެ ކަމަށެވެ. މުއިއްޒު ވިދާޅުވި ގޮތުގައި މާލެ ތެރެއިން މިހެން ހުރި ބިންތައް ހުސްވެގެން ދިއުމުން އެ ލިބެނީ ވަރަށް ބޮޑު ޖާގައެކެވެ.
އެ ބިންތައް ބޭނުންކޮށްގެން މާލެ ސިޓީގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުތައް ގެނެސް، މިހެން ހުރި ބިންތައް ބޭނުންކޮށްގެން ކުޅިވަރުތަކަށް ބޭނުންވާ ޖާގަތައް އުފެދިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭގެ އިތުރުން އެހެން ބޭނުންތަކަށް ރިޒާވް ބިން ބެހެއްޓޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެއް ފަހަރާ ބިން ހުސްކޮށްލުން ރަނގަޅު ކަމަކަށް ނުވާނެ." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މިގޮތަށް ހުރި ބިންތައް ހުސް ކުރުމަކީ ކުރައްވާނެ ކަމެއް ކަމަށެވެ. އެގޮތަށް އުފައްދާ ބިންތަކުން ޒުވާނުންނަށް ބޭނުންވާ ފުޓްސަލް ދަނޑާއި ނެޓް ބޯޅަ ދަނޑާއި ނެޓް ބޯޅަ ކޯޓުތައް ފަދަ ދަނޑުތައް ގާއިމުކުރެވިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"މިގޮތަށް ލިބޭ ބިމުގައި އަޅުގަނޑުމެން ވިސްނާފައި އޮތީ މަލްޓި ސްޓޯރީކޮށް ސްޓޭޑިއަމްތައް، މި ދެންނެވީ ދަނޑުތައް ހެދުން. މާނައަކީ މިސާލަކަށް ފަސް ލެވެލްގެ ދަނޑު ހިމެނޭ ގޮތަށް އެ ގާތްގަނޑަކަށް 10-12 ބުރީގެ އިމާރާތެއްގެ އުސް މިން ހުންނާނެ. އެއް ފުޓްސަލް ދަނޑުގެ ޖާގައިން ފަސް ފުޓްސަލް ދަނޑު ނެގޭނެ. ޗޭންޖިން ރޫމްތަކާއި ފާހަނަ އާއި ހުރިހާ އެއްޗެއް ލެވިފައި ހުންނަ ޕްރޮޕާ އިމާރާތަކަށް ވާނީ. ޕާކިން ވެސް ލެވިފައި،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ކަންކަމުގެ ވާހަކަ ދައްކަވަނީ ކުރެއްވޭނެ ކަމުގެ ޔަގީންކަން އޮތީމައެވެ.
ކޮމެންޓު ފޮނުވާ