ދެވަނަ ބުރު އަދި އޮތީ، ހިތްވަރު ދޫނުކުރޭ: ޔުމްނާ

ދެވަނަ ބުރު އަދި އޮތީ، ހިތްވަރު ދޫނުކުރޭ: ޔުމްނާ

Author
އަހުމަދު
10 ސެޕްޓެމްބަރ 2023 06:27
0

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އަދި އޮތީ ކަމަށާއި ހިތްވަރު ދޫކޮށްނުލުމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އެދިވަޑައިގެންފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށްގެން ހުންނެވި ޔުމްނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެވަނަ ބުރު އަދި އޮތީ ކަމަށާއި ހިތްވަރު ދޫކޮށްނުލައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އުފާވެރިއަމާން ރާއްޖެއެއް ހޯދުމުގެ މަސައްކަތައިގެން ކުރިއަށްދާންވީ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔުމްނާ އަކީ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ސްލޮޓްގައި މިނިސްޓަރުކަމުގެ މަގާމަށް އައި ބޭފުޅެކެވެ. އޭނާގެ އެއްމާބަނޑު ދައްތަ ދުންޔާ މައުމޫން ތާއިދު ކުރައްވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމަށެވެ. ޔުމްނާގެ ބޭބެ ފާރިސް މައުމޫން ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ނަމަވެސް އެކަށީގެންވާ ވަރުގެ ނަތީޖާއެއް ލިބިފައެއް ނުވެއެވެ. ފާރިސްގެ ކޮއްކޮ ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ތާއިދު ކުރައްވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މުއިއްޒު ވަނީ ލައްކައަކަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފައެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރެއްވި ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 85،000 އަށް ވުރެ ގިނަ ވޯޓެވެ. ތިން ވަނަ އަށް ދިޔައީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު، ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އޭނާ އަށް 15،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.