ސަރުކާރުގެ މައްޗަށް ޑރ. މުއިއްޒު ކުރި ހޯއްދަވައި، އިންތިޚާބު ދެވަނަ ބުރަކަށް!

ސަރުކާރުގެ މައްޗަށް ޑރ. މުއިއްޒު ކުރި ހޯއްދަވައި، އިންތިޚާބު ދެވަނަ ބުރަކަށް!

Author
މުޙައްމަދު ޝަޒައިމް
09 ސެޕްޓެމްބަރ 2023 09:22
0

މިއަދު ކުރިއަށް ދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގައި ބޮޑުތަނުން ޑރ.މުއިއްޒު މިސަރުކާރުގެ މައްޗަށް ކުރި ހޯއްދަވައި އިންތިޚާބު ދެވަނަ ބުރަކަށް ގޮސްފިއެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހު އެއްބުރުން ކާމިޔާބު ކުރައްވަން މަސައްކަތް ކުރި ނަމަވެސް ރައީސް ޞާލިހު ދިޔައީ ދެވަނަ އަށެވެ. އިންތިޚާބުގައި ސަރުކާރުން އުންމީދު ކުރި ވަރާއި ގާތަށްވެސް ވޯޓެއް ނުލިބުނެވެ. މިއިންތިޚާބުގައި ރައީސް ޞާލިހަށް 125،000 ވޯޓު ލިބޭނެކަމަށް އެމްޑީޕީގެ އިސް ބޭފުޅުން ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ނަމަވެސް އިންތިޚާބުގެ މިހާތަނަށް ނަތީޖާ ދައްކާ ގޮތުން ރައީސް ޞާލިހު އުޅުއްވަނީ 70،000 ވޯޓުގައެވެ. ޑރ. މުއިއްޒުވަނީ 80،000 އަށްވުރެ ގިނަ ވޯޓު ނަގާފައެވެ. މިއީ ބޮޑު ސަރުކާރަކާއި ވާދަކޮށް ޑރ. މުއިއްޒަށް ފުރަތަމަ ބުރުގައި ލިބިގެންދިޔަ ބޮޑު ކާމިޔާބީއެކެވެ. ޚާއްސަކޮށް އިންތިޚާބުގައި ރައީސަށް މުއިއްޒުގެ މައްޗަށް ފުރަތަމަ ބުރުގައި ކުރި ނުހޯދުމަކީ ލިބުނު ބޮޑު ނާކާމިޔާބީއެކެވެ.

މިއިންތިޚާބުގައި ވާދަކުރެއްވި އެހެން ކެންޑިޑޭޓުންނަށް ވޯޓު ލިބުނީ ވަރަށް މަދުންނެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް މިހާތަނަށް ލިބިވަޑައިގަތީ އެންމެ ތިން ޕަސެންޓު ވޯޓެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ތިން ޕަސެންޓު ވޯޓު ހޯއްދެވިއިރު ކެންޑިޑޭޓް ފާރިސް މައުމޫނާއި މުހައްމަދު ނާޒިމާއި ހަސަން ޒަމީލަށް ލިބުނު ވޯޓު އެންމެ ޕަސެންޓަކަށް ވެސް ނާރައެވެ.

މިހާތަނަށް ގުނި ވޯޓުގެ ނަތީޖާ ދައްކާ ގޮތުން މި ރިޔާސީ އިންތިހާބުގައި 50 ޕަސެންޓަށްވުރެ ގިނައިން އެއް ކެންޑިޑޭޓަކަށް ލިބިވަޑައިގަންނަވާނެ ކަމަކަށް ނުބެލެވެއެވެ. އެހެންކަމުން، މި ސެޕްޓެމްބަރު 30، ގައި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރެއް އޮންނާނެކަން ގާތްގަނޑަކަށް ވަނީ ޔަގީންވެފައެވެ.

މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 282,395 މީހުންނަށް ލިބޭއިރު ވޯޓުލީ ގާތްގަނޑަކަށް 75 ޕަސެންޓު މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އެއީ ގާތްގަނޑަކަށް 211،796 މީހުންނެވެ. އެހެންކަމުން މިއީ ރިޔާސީ އިންތިހާބެއްގައި އެންމެ މަދުން ވޯޓު ދިން ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.