އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވުމަށް ޕްރޮފެސަރު ހަސަން އުގައިލް ނިންމަވައިފިއެވެ.
އުގައިލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުލްހަވެރިކަމާއި އަމާންކަމާ އެކު ތަރައްގީގެ އެތައް މަޝްރޫއުތަކެއް ފަށައި ކުރިއަށް ހިނގަމުންދާ މި ސަރުކާޜު ބަދަލު ކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށާއި ގައުމަށް ފައިދާ ހުރި ގޮތަކީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދެއްވުން ކަމަށް ވިދާޅުވިއެވެ.
ސުލްޙަވެރިކަމާއި އަމާންކަމާއި އެކު ތަރައްޤީގެ އެތައް މަޝްރޫއު ތަކެއް ފަށައި ކުރިޔަށް ހިނގަމުންދާ މިސަރުކާރު ބަދަލުކުރަންޖެހޭ ސަބަބެއް އޮތްކަމަށް ނުދެކެން. ދިވެހި ރައްޔިތުންނަށާއި ގައުމަށް އެންމެ ފައިދާހުރި ގޮތަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ދެއްވުން…
— Professor Ugail (@ugail) September 7, 2023
"ސަރުކާރު ބަދަލުވެއްޖެ ނަމަ، ފަށައިގެން ކުރިއަށް ގެންދާ މަޝްރޫއުތައް ހުއްޓި ފިޔަވަޅުތަކެއް ފަހަތަށް އެޅޭނެ، މިއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެއް" އުގައިލް ވިދާޅުވިއެވެ.
އުގައިލް ވިދާޅުވީ ސަރުކާރު ބަދަލުވެއްޖެ ނަމަ، ގަސްދުގައި ނުކުރެއްވިއްޔަސް މަޝްރޫއުތައް ހުއްޓުމަކީ ތަބީއީ އާދައެއް ކަމަށެވެ.
"ވުމާ އެކު، އަޅުގަނޑު ތާއީދު ކުރަނީ ނުހުއްޓި ރައީސް ސޯލިހާ އެކުގައި ކުރިއަށް ދިއުމަށް،" އުގައިލް ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަރަށް ގިނަ ބަޔަކު ރައީސް ސޯލިހަށް އަންނަނީ ތާއީދު ކުރަމުންނެވެ. އޭގެ ތެރޭގައި ތައުލީމީ ބޭފުޅުންނާއި އެކިއެކި ދާއިރާތަކުން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި ގިނަ އަދަދެއްގެ އިލްމުވެރިން ވެސް ހިމެނެއެވެ. ރައީސް ސޯލިހަށް ތާއީދު ކުރައްވާ ގިނަ ބޭފުޅުން ފާހަގަ ކުރައްވާ ގޮތުގައި ވޭތުވެދިޔަ ފަސް އަހަރަކީ ހުރިހާ ދާއިރާއަކުން ބެލި ކަމުގައި ވިޔަސް، ރާއްޖެ އަށް ތަރައްގީ އާއި ކުރިއެރުން އައިސްފައިވާ ފަސް އަހަރެވެ. އެހެންވެ ރައީސް ސޯލިހަށް އިތުރު ދައުރެއް ދޭން ޖެހޭނެ ކަމަށް އެ ބޭފުޅުން ގަބޫލު ކުރައްވައެވެ.
ކޮމެންޓު ފޮނުވާ