ރާއްޖޭއިން އިންޑިއާއަށް 99އަހަރަށް ބިންދޭނެކަމަށް ބުނާ ސިޓީއެއް ދައުރުވަނީ، ނަމަވެސް ސަރުކާރުން ދޮގުކުރޭ!

ރާއްޖޭއިން އިންޑިއާއަށް 99އަހަރަށް ބިންދޭނެކަމަށް ބުނާ ސިޓީއެއް ދައުރުވަނީ، ނަމަވެސް ސަރުކާރުން ދޮގުކުރޭ!

Author
އައިޝަތު އަޙްމަދު
07 ސެޕްޓެމްބަރ 2023 02:27
0

ރާއްޖެއާއި އިންޑިއާއާއި ދެމެދު ބަދަލުކުރެވުނުކަމަށް ބުނާ ސިޓީއެއް ދައުރުވާން ފަށައިފިއެވެ. އެ ސިޓީއަކީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޑރ.ސުބްރަމަނިޔަން ޖައިޝަންކަރު ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދަށް މިއަހަރުގެ ޖުލައި 15ގައި ފޮނުވާފައިވަ ސިޓީއެއްކަމަށް އެ ސިޓީގައިވާ ތާރީޚުން އެނގެއެވެ.

އެ ސިޓީގައި ބަޔާންކޮށްފައިވާގޮތުގައި ސިފައިންގެ އުތުރު ތިލަފަޅުގެ އެއްބަސްވުން 99 އަހަރަށް ބަދަލުކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކާފައިވެއެވެ. އެގޮތުންއުތުރު ތިލަފަޅު މަޝްރޫޢު ކުރިއަށްދާގޮތް ވިލަރެސްކުރުމަށް އެކުލަވައިލާފައިވާ ޖޮއިންޓް މޮނީޓަރިން ކޮމިޓީއަށް ބައެއް ބަދަލުތައް ގެނެސްފައިވާކަން އެސިޓީން ހާމަވެއެވެ. އެ ސިޓީގައި ބުނެފައިވާގޮތުން އެ އެއްބަސްވުމުގެ މާއްދާތައް އިތުރަށް ވަރުގަދަކުރީ ދެޤައުމަށްވެސް ފައިދާވާނެ ގުޅުން ހަރުދަނާކުރުމަށްކަމަށެވެ.

އެ ސިޓީގައި އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ މިލިޓަރީ ޑްރޯން ދިނުމަށް ދެ ގައުމުގެ މެދުގައި އެއްބަސްވެފައިވާކަންވެސް އެނގެއެވެ. މީގެ އިތުރުން 11 ޑްރޯނެއް ދިވެހި ސަރުކާރަށް ދިނުމުގެ ގޮތުން 550،000،000 އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ދިވެހި ސަރުކާރަށް ދިނުމަށް އިންޑިއާއިން އެއްބަސްވެފައިވާ ކަމަށްވެސް ވެއެވެ.

އިންޑިއާއާއި ރާއްޖެއާއި ދެމެދު އަސްކަރީގޮތުން ވެފައިވާ އެއްބަސްވުންތަކާއި ގުޅޭ މަޢުލޫމާތުތައް ހާމަކުރުމަށް ދިވެހި ސަރުކާރުން ދަނީ ފަސްޖެހެމުންނެވެ. އެއީ ޤައުމީ ސަލާމަށް އޮތް ނުރައްކަލެއްކަަމަށްވެސް ދަނީ ބުނަމުންނެވެ.

މިކަން މިހެން އޮއްވާ ދެޤައުމުގެ ދެމެދު ބަދަލުކުރިކަމަށް ބުނާ އެ ސީޓިގައި ރާއްޖޭގެ ދިފާއީ ވުޒާރާއަށް ތަމްރީނާއި ކުރިއެރުމާއި އެހީތެރިކަން ފޯރުކޮށްދީ ގާބިލުކަން އިތުރުކުރުމުގެ ގޮތުން އިންޑިއާއަށް ހދ. ހަނިމާދޫއާއި އައްޑޫ ސިޓީ ގަމުގެ އިންޓަނޭޝަނަލް އެއާޕޯޓު ކައިރިން މަދުވެގެން 15 ހެކްޓަރުގެ ބިން ކުއްޔަށް ދޫކުރުމަށް ބުނެފައިވެއެވެ. އެ ބިން އިންޑިއާއަށް ދޫކުރަންޖެހެނީ 99 އަހަރަށް ކަމަށް ވެސް ސިޓީގައިވެއެވެ.

އެ ސިޓީގައި ބުނެފައިިވަގޮތުގައި އެ ބިންތަކަކީ އެޤައުމުގެ ސިޔާދަތީ ސަރަހައްދުގެ ގޮތުގައިކަމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ސިފަކޮށްފައިވެއެވެ. އަދި މިހާރު ދީފައިވާ އަދި ދިނުމަށް ހުށަހަޅާފައިވާ 1،940،000،000 (އެއް ބިލިއަން ނުވަސަތޭކަ ސާޅީސް މިލިއަން) ޑޮލަރު ނުވަތަ 29.9 ބިލިއަން ދިވެހި ރުފިޔާގެ ކްރެޑިޓް ލައިން އެއްބަސްވުމުގެ ދަށުން އިންޑިއާއިން ޕޭމަންޓެއް ހެދުމުން، އެ ބިންތައް ފުރަތަމަ ދޭ 99 އަހަރު ހަމަވަމުން އިތުރު މުއްދަތަށްވެސް އެ ބިންތައް އިންޑިއާއަށް ލިބޭނެކަމަށްވެސް އެ ސިޓީގައި ވަނީ ބުނެފައެވެ.

މި ސިޓީގައި މިފަދަ ވާހަކަތައް ހުރިނަމަވެސް، އިންޑިއާ ސަރުކާރުން ވަނީ އެއީ ފެކް ސިޓީއެއްކަމަށް ބުނެފައެވެ. އެއީ ބަޔަކު ހަދައިގެން އުޅޭ ސިޓީއެއްކަމަށް ބުނިނަމަވެސް، ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާ ސިފައިން ހަތިޔާރާއެކު ތިބެކަމަށް ސިޔާސީ ބޭފުޅުން ވިދާޅުވެއެވެ.

ރާއްޖޭގައި ތިބި އިންޑިއަ ސިފައިންގެ ޢަދަދު ހާމަކުރުމަށް ސަރުކާރުން ފަސްޖެހެއެވެ. ރައީސް ވިދާޅުވެފައިވަނީ ތަމްރީނުގެ ބޭނުމަށް ފިޔަވައި އެހެން ޤައުމެއްގެ ސިފައިން ރާއްޖޭގައި ނުތިބޭނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.