ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ކަން ކުރެއްވި އިބްރާހިމް މުއާޒް އަލީ (މުއާ) އެމްޑީޕީއާ މިރޭ ގުޅިވަޑައިގެންފިއެވެ.
މުއާޒް، އެމްޑީޕީ އަށް ސޮއިކުރެއްވި ފޯމް ހަވާލުކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒްއާއެވެ. ނިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުއާޒް އެކުގައި މަސައްކަތް ކުރައްވަން ނިންމެވީތީ އެކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެމްޑީޕީ އަށް މަރުހަބާ ދަންނަވާ ކަމަށް ވިދާޅުވިއެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާޓީ، އެމްޓީޑީގެ ނައިބު ރައީސެއްގެ ގޮތުގައި ކުރިން ހުންނެވި މުއާޒް އެ ޕާޓީން ވަކިވެވަޑައިގެންފައި ވަނީ މިއަދެވެ. މުއާޒް ވިދާޅުވީ އަމާންކަމާއި ހަމަޖެހުން ގާއިމުކޮށް ދެއްވައި ގައުމެއްގެ ގޮތުގައި ބާކީ ނުވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދައްކުވައި ދެއްވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ކުޑަ ރަށެއް، ބޮޑު ރަށެއް ނުބައްލަވައި ތަރައްގީ ޔަގީންކޮށް ދެއްވާފައި ކަމަށް ވެސް މުއާޒް ވިދާޅުވިއެވެ.
އަމާންކަމާއި ހަމަޖެހުން ޤާއިމުކޮށްދެއްވައި ޤައުމެއްގެ ގޮތުގައި ބާކީނުވާކަން ދުނިޔެއަށް ދައްކުވައިދެއްވައިފި. ކުޑަރަށެއް ބޮޑުރަށެއް ނުބައްލަވައި ތަރައްޤީ ޔަޤީންކޮށްދެއްވައިފި. މި ނުކުތީ #އެއްބުރުން #ރައީސްއިބޫ ދެވަނަ ދައުރަކަށް ހޮވުމަށް އަތުކުރި އޮޅާލައިގެން އިންޝާﷲ 💪#Vote3 pic.twitter.com/yseFEccb27
— Ibrahim Muaz Ali 🇲🇻 (@IbrahimMuazAli) September 6, 2023
"މި ނުކުތީ އެއް ބުރުން، ރައީސް އިބޫ ދެވަނަ ދައުރަކަށް ހޮވުމަށް އަތުކުރި އޮޅާލައިގެން. އިންޝާ ﷲ،" މުއާޒް ވިދާޅުވިއެވެ.
ކުރިން ޕީޕީއެމްގައި އުޅުއްވި މުއާޒް އެ ޕާޓީން ވަކިވެވަޑައިގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުތާ ދުވަސް ކޮޅެއް ފަހުންނެވެ. އޭގެ ފަހުން އޭނާ އުޅުއްވީ ސިޔާސީ ކަންކަމާ ވަރަށް ދުރުގައެވެ. އޭގެ ދުވަސްތަކެއް ފަހުން ދެން ފެނުނީ މުއާޒް އެމްޓީޑީއާ ގުޅިވަޑައިގެންނެވި ތަނެވެ.
ކޮމެންޓު ފޮނުވާ