މާލޭގެ މީހުންނަށް ގޯތި ދިނުމަށްޓަކައި ގުޅީފަޅާއި ގިރާވަރާއި ފުށިދިއްގަރު ފަޅު އަހަރެއް ތެރޭ ހިއްކައި ނިންމަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މާލޭގެ ގޭގެއަށް ޒިޔާރަތް ކުރެއްވުމުގެ ކުރިން ޖަގަހައެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އިންތިހާބަށް ދެތިން ދުވަހަށްވީމަ، ކަނޑު އަޑިންނާއި ތަންތަނުން ގޯތިތައް ދީފައިވާ އިރު، އެއީ ރައްޔިތުންނަށް ހައްގު މިންވަރު ނޫން ކަމަށެވެ.
ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، މާލޭގެ ރައްޔިތުންނަށް ދީފައި ހުރި ގޯތިތައް ފެނުން މައްޗަށް ނަގައިދީ މިހާރު ހިއްކާފައިވާ ބިމުން ގޯތި ލިބޭ މީހުންނަށް ގޯތިތައް ދީ، އެ ގެދޮރުތަކުގައި ގޯތި އެޅޭނެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ ވާހަކައިގައި ވަނީ މި ސަރުކާރުން ދޭން ނިންމާފައިވާ ގޯތިތަކަށް ވުރެ އިތުރު ގޯތި ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ގުޅީފަޅު، މިހާރު ހިއްކަން ނިންމާފައިވާ ވަރަށް ވުރެ ބޮޑަށް ހިއްކައި ގިރާވަރު ފަޅާއި ފުށިދިއްގަރު ފަޅު އެއްކޮށް ހިއްކަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"މި ހުރިހާ ހިއްކުމެއް ހިއްކައި ދޭނަން ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި. ނޫނީ ހަމަހާއި ބާރަ މަސް ތެރޭގައި ގިނަވެގެން. ނިންމައި ތޮށި ޖަހައި މަގު ހަދައިދީ، އެ ތަނުން ގޯތި ދިނުމުގެ މަސައްކަތް ފަށާނަން ފުރަތަމަ އަހަރުގެ ތެރޭގައި،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ލުއި ލޯން ދީގެން ގެދޮރު އަމިއްލަ އަށް އެޅުމަށާއި ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް އެކަން ކުރެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށެވެ. އެއާ އެކީގައި މާލޭގެ ރައްޔިތުންނަށް ދާއިމީ ހައްލެއް ގެދޮރުވެރިކަމުގައި ހޯދައި ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ