އައްޑޫން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ޢާންމުކޮށްފި

އައްޑޫން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ޢާންމުކޮށްފި

އައްޑޫ ސިޓީގެ ހިތަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫން ބޯހިޔާވަހިކަމުގެ ބޭނުމަށް ދޫކުރާ 1000 ގޯއްޗަށް ޝަރުތު ހަމަވީ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ. މިފަހަރު 1000 ގޯތި ދޫކުރިނަމަވެސް ޝަރުތު ހަމަވާ ހުރިހާ އެންމެނަށް ގޯތި ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ކައުންސިލުން އާންމުކުރި އިއުލާނެއްގައި ވަނީ ގޯތި ދޫކުރާނީ ދެ މަރުހަލާއަކަށް ބަހާލައިގެންކަމަށް ބުނެފައެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ގޯތި ދޫކުރާނީ ގޯތި ދޫކުރުމަށް ހުޅުވާލި އިއުލާނާއެއްގޮތަށް ހަތަރު އަވަށަކުން 1،000 ގޯއްޗެވެ. އަދި ދެވަނަ މަރުހަލާގައި ގޯތި ދޫކުރާނީ އަވަށްތަކަށް އިތުރުކުރި ބިންތަކުގެ ލޭންޑް ޔޫސް ޕްލޭން ހަދައި ސާވޭގެ މަސައްކަތް ފުރިހަމަ ކުރުމަށް ފަހުކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ ޝަރުތު ހަމަވާ އެންމެނަށް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށްގޯތި ދޫކޮށް ނިންމާނެކަމަށެވެ.

އައްޑޫސިޓީން 1000 ގޯތި ދިނުމަށް މިއަހަރު ކުރީކޮޅު ވަނީ ހުޅުވާލާފައެވެ. މި ގޯތިތަކަށް ޖުމްލަ 4160 ފޯމު ހުށަހަޅާފައިވާއިރު، ޖުމްލަ 3972 ފަރާތެއް ޝަރުތު ފުރިހަމަވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ. ކައުންސިލުން ވަނީ މިއެންމެންނަށް ގޯތި ދޭން ނިންމާފައެވެ.

މިއާއެކު %95 މީހުންނަށް ގޯތި ލިބޭކަން ޔަޤީން ވެފައިވާއިރު، ބާކީ ޝަރުތު ހަމަނުވާ 188 ފަރާތައްވެސް އިތުރު ފުރުސަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫއިން ޖުމްލަ 1000 ގޯއްޗަށް ހުޅުވާލިއިރު، ހިތަދޫއިން 500 ގޯތި، ފޭދޫއިން 300 ގޯތި، އަދި ހުޅޫދޫ އަދި މީދޫއިން ކުރެ ކޮންމެ އަވަށަކުން 100 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. މީދު އާއި ހުޅުދޫން ދޫކުރަން ނިންމީ 2،000 އަކަފޫޓްގެ ގޯއްޗެވެ. ނަމަވެސް އަނެއް ދެ އަވަށުން ދޫކުރަން ނިންމީ 1،500 އަކަފޫޓްގެ ގޯއްޗެވެ.

އަދި ކޮންމެ އަވަށަކުން އެ އަވަށް ނޫން އެހެން އަވަށްތަކުގެ މީހުންނަށް ވެސް ގޯތިތަކެއް ހާއްސަކޮށްފައިވެ އެވެ. އެގޮތުން ފޭދު އާއި މީދޫ އަދި ހުޅުދޫން މިއިން ކޮންމެ އަވަށަކުން އެ އަވަށް ނޫން އަވަށްތަކުގެ މީހުންނަށް 10 ގޯތި ހާއްސަކޮށްފައިވެ އެވެ. ހިތަދޫން 50 ގޯތި އެހެން އަވަށްތަކުގެ މީހުންނަށް ހާއްސަކޮށްފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *