ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން 600 މިލިއަންގެ ހިލޭ އެހީ ހޯދާނަން: ގާސިމް

ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން 600 މިލިއަންގެ ހިލޭ އެހީ ހޯދާނަން: ގާސިމް

Author
އަހުމަދު
03 ސެޕްޓެމްބަރ 2023 12:30
0

ދައުލަތުން ނަގާފައިވާ ދަރަނީގެ ތެރެއިން 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭއިރު، އެ ދަރަނި ދައްކަން 600 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ހޯއްދަވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި މިރޭ ކުރިއަށް ގެންދާ ރިޔާސީ ބަހުސްގައި، ގާސިމް ވިދާޅުވީ ރިޔާސީ ދައުރެެއްގައި އާމްދަނީ ހޯދަން ތަފާތު މަސައްކަތްތައް ކުރުމުގެ ވިސްނުން އެބަ ހުރި ކަމަށެވެ. އަދި ވަރަށް ބޮޑެތި ދަރަނިތައް ހުރިއިރު، 2026 ގައި ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ދައްކަން ޖެހޭ ކަން އެނގިވަޑައިގެންފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އޭގެ 600 މިލިއަން ޑޮލަރު ގްރާންޓްގެ ގޮތުގައި ހޯދާނަން. އަޅުގަނޑަށް އެކަން ޔަގީން ކުރެވޭ." ގާސިމް ވިދާޅުވިއެވެ.

އޭގެއިތުރުން ތަފާތު ރޮނގުތަކުން މިހާރު ހުރި ޓެކްސްގެ ނިޒާމު ބަދަލު ކުރައްވައި އެއް އުސޫލެއްގެ ތެރެއިން އެކަން ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.  ގާސިމް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ފުޅާ ކުރުމާއި، ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރުމުގެ އިތުރުން އިސްރާފުތައް ކުޑަކުރަން ގިނަ ކަންކަން ރޭވިފައިވާ ކަމަށެވެ.

ޖޭޕީގެ ވެރިކަމެއްގައި އިތުރު ޓެކްސެއް ތައާރަފް ކުރާނަންތޯ އެހުމުން، ގާސިމް ވިދާޅުވީ އިތުރު ޓެކްސެއް ތައާރަފް ކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި އަދި މިހާރު ނަގާ ޓެކްސްތައް ހާމަނައިޒް ކޮށްގެން ދައުލަތުގެ އާމްދަނީ އިތުރު ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން އިމްޕޯޓް ޑިއުޓީގެ ނިޒާމު ވެސް ހާމަނައިޒްކޮށް، މިހާރު ދައުލަތުގެ ތެރޭގައި އޮތް ކޮރަޕްޝަން ވަރަށް ބޮޑަށް މަދު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، އޭނާ ވެރިކަމަށް ވާދަކުރައްވަނީ ރާއްޖޭގެ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާތަން ފެންނަމުންދާތި، އެކަން ސަލާމަތް ކޮށް ނެގެހެއްޓުމަށްޓަކައި ކަމަށެވެ. ގާސިމް ވިދާޅުވީ، ރާއްޖޭގައި ބޭރުގެ މިލިޓަރީ އެއްވެސް ބަޔަކަށް ތިބެވޭނީ ގާނޫނީ އަސާސީ ބުނާގޮތުން ރައްޔިތުންގެ މަޖިިލީހަށް ހުށަހަޅައިގެން، އެ މަޖިލީހުން ނިންމާ ގޮތެއްގެ މަތިން ކަމަށެވެ.

އަދި ރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް ދޫކޮށްލެވޭނީވެސް، ގާނޫނު ބުނާގޮތުގެ މަތިން ފާސްކޮށްފައިވާ ގާނޫނެއްގައިވާގޮތުގެ މަތިން ކަމަށް ބުނެފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

"މިއަދުގެ ސަރުކާރުން އެކަންކަމާއި ހިލާފުވެފައިވާ ކަމަށް ބޮޑުތަނުން ވަރަށް ސާފްކޮށް އެނގޭ، އެއި ކަނޑެޅިގެން ކުރި ކުށެއް، ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފަށް އެކަން ކުރެވުނީ، ވެރިއަކު ވެރިކަން ކުރުމުގެ ބާރު ލިބިދަނީ ގާނޫނު އަސާސީގައިވާގޮތުގެ މަތިންކަން، ގާނޫނުގައިވާގޮތުގެ މަތިން ވެރިކަން ކުރުމަށް." ގާސިމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.