މުއިއްޒު ހޮވަން ޔާމީން ބޭނުންވޭ، ފިތުނައިގައި ނުޖެހޭތި: ސައީދު

މުއިއްޒު ހޮވަން ޔާމީން ބޭނުންވޭ، ފިތުނައިގައި ނުޖެހޭތި: ސައީދު

Author
އަހުމަދު
02 ސެޕްޓެމްބަރ 2023 12:33
0

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމަށް ހޮވަން ޕީޕީއެމްގެ ރައީސް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންވާ ކަމަށާއި ރައްޔިތުން ފިތުނައިގައި ޖެހިވަޑައިނުގަތުމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު އެދިވަޑައިގެންފިއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ މައްސަލައެއްގައި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އާއި ސާބިތު ދަރަންޏެއް އޮތް މައްސަލައެއްގައި ޔާމީނަށް މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވެއެވެ. ޔާމީން މި މައްސަލައިގައި ޖަލަށްލުމުގެ ކުރިން، ޕީޕީއެމުން ވަނީ އެމަނިކުފާނަށް ރިޔާސީ ޓިކެޓު ދީފައެވެ. އެކަމަކު، ފަހުން ޕީއެންސީގެ ކެންޑިޑޭޓުގެ ހައިސިއްޔަތުން މުއިއްޒު ރިޔާސީ ރޭހަށް ނުކުތުމަށް ކަނޑައެޅިއެވެ.

ލ. ފޮނަދޫގައި މިރޭ ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޖަލްސާގައި ސައީދު ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަކީ ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން ފުރާ ފުރިހަމަވެފައިވާ ޕާޓީއެއް ކަމަށެވެ. އެ ދެ ޕާޓީގެ ކާމިޔާބު ކެންޑިޑޭޓަކީ މިހާރު މުއިއްޒު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ މެސެޖަކީ، އެމަނިކުފާނު ދިވެހި ލޮބުވެތި ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަނީ އިންޑިއާ އަށް އަޅުވެތިވެފައި އޮތް ސަރުކާރު ނިންމާށޭ، އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ މި ހުންނެވީއޭ ޑރ. މުއިއްޒޭ، ތިޔަބޭފުޅުން ނަންބަރު ހަތަރު ވޯޓު ދޭށޭ." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ސަރުކާރުގެ "ފޮޅި ނޫސް" ތަކުގައި ޖަހާ އާޓިކަލްތަކަށް ޖަވާބުދޭން ނުޖެހޭ ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީއަކީ އެއަށް ވުރެ މާ ފުރިހަމަ ސިޔާސީ ޕާޓީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސައީދު ވަނީ ޔާމީން ޖަލަށް ވަޑައިގެންނެވުމަށް ފަހު ޕާޓީ ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް، ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި އަދުރޭއަކީ ޔާމީނަށް މުޅި ރާއްޖޭގައި ވެސް ހުރި އެންމެ ވަފާތެރި ސިޔާސީ ބޭފުޅާ ކަމަށް ވިދާޅުވެފައެވެ. މުއިއްޒުގެ ވެސް ހިންގަވަނީ އެ މަގުން ކަމަށާއި، ވެރިކަން ވެސް ކުރައްވާނީ ސީދާ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.