ރިޔާސީ އިންތިޚާބުގައި ރައްޔިތުން ތިބި ގޮތަށް ބަލާއިރު މިހާރު އެންމެ ރަނގަޅުވާނީ ރައީސް ޞާލިހުވެސް ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުއިއްޒުގެ ފަހަތަށް އަރައިގެން މަސައްކަތް ކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްކެއެވެ.
ރިޔާސީ ކެމްޕޭންގައި މިރޭ އޭދާފުށީގައި ބޭއްވި ޖަލްސާގެ ފޯރިގަދަކޮށްލީ ސަލީމްގެ ވާހަތަކުންނެވެ. އާންމުކޮށްވެސް ވާހަކަ ދެއްކެވުމުގައި މަޒާޖީ ބަސްތަކާއި، ވާހަކަ ދެއްކެވުމުގައި އޯޑިއަންސްގެ ސަމާލުކަން ލިބޭގޮތަށް ބަސްމަގު ގެންގުޅުއްވާ ސަލީމް ވަނީ ދައުލަތުގެ ބަޖެޓުން މާގިނަ ޚަރަދުތަކެއް ކުރަން ނަހަދައި މިއިންތިޚާބުގައި ރައީސް ޞާލިވެސް ޑރ.މުއިއްޒުގެ ފަހަތަށް އަރައިގެން މަސައްކަތް ކުރުމަށް ގޮވާލާފައެވެ.
އަޅުގަނޑު ދަންނަވާނީ ރައީސް ޞާލިހަށްވެސް ދައުލަތުން މާބޮޑު ހޭދަތަކެއް ކުރަން ނުޖެހޭނެހެން ފުރަތަމަ ބުރާއި ދެވަނަ ބުރު ނުކިޔައި އަވަހަށް ޑރ.މުއިއްޒުގެ ފަހަތަށް އަރައިވަޑައި ގެންނެވުމަށް. ރައީސް ޞާލިހަށްވެސް އެންމެ ރަނގަޅުވާނީ އެގޮތް. އޭރުން ދައުލަތުގެ ބަޖެޓުން މިކުރާ ބޮޑު ހޭދަ މިކަމަށް ނުކޮށް ނިމުނީ ނޫންތޯ.
– ސަލީމް ވިދާޅުވިއެވެ.
ސަލީމް ވަނީ މިރޭގެ ޖަލްސާގައި ރައީސްގެ ތަރުޖަމާނު މާރިޔާ ދީދީއަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ މާރިޔާ ޑރ.މުއިއްޒުއާއި، އަނބިކަލުންނާއި އަދި އާއިލާގެ ބޭފުޅުންނާއި ބެހި ޒާތަށް އަރައި ގަންނަމުންދަނީ އިސްލާމްދީނާއި އަހުލާގީ މިންގަނޑުގެ ޒައްރެއްގެ މިންވަރުވެސް ނެތުމުންކަމަށެވެ. ޑރ. މުއިއްޒުއާއި އަނބިކަނބަލުންނަކީވެސް ދީނީ އިލްމު ފުރިހަމައަށް އުނގިވަޑައިގެން ތިއްބެވި ދީނީ އިލްމުވެރިންގެ ދަރިކަލުންތަކެއް ކަމަށެވެ.
ނަމަވެސް މާރިޔާއަކީ ކޮން އިލްމެއް އަހުލާގެއް ހުރި މީހެއްތޯ ސަލީމް ވަނީ ސުވާލު ކުރައްވާފައެވެ. ސަލީމް ވިދާޅުވީ މާރިޔާ މުއިއްޒުއާއި، އާއިލާއާއި ބެހި ހަދާނަމަ ދައްކަން ހުރި ވާހަކަތައް މާގިނަ ކަމަށެވެ. އެވާހަކަތައް ހާމަ ނުކުރަނީވެސް މާރިޔާ މައިތިރިވުމަށް ސަލީމް ވަނީ ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ