ރާއްޖޭގެ އިޤްތިޞާދު މިހާރު އޮތް ހާލަތުން ރަނގަޅު ހާލަތަކަށް ބަދަލުކޮށް ދަރާފައިވާ ދަރަނި ދަންތުރައިން ރާއްޖެ ސަލާމަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރިޔާސީ ކެމްޕޭންގައި މިރޭ ދުވާފަރުގައި ގިނަ އަދަދެއްގެ ރައްޔިތުންނާއިއެކު ބޭއްވި ފޯރިގަދަ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒުވިދާޅުވީ ދުވާފަރުން ފެނިގެންދަނީ އެއްބުރުން މިކަން ނިމިފައިވާތަން ކަމަށެވެ. ދުވާފަރުގެ ރައްޔިތުން ބުނަމުންދަނީ ދެވަނަ ވިސްނުމަކަށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި މިއީ އެއްބުރުން އިންތިޚާބު ކާމިޔާބުކޮށް ތަރައްޤީ ގާއިމް ކުރަންވީ ފުރުސަތުކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ޤައުމުގެ މަސްއޫލިއްޔަތާއި ހަވާލުވާން ޕީޕީއެމް، ޕީއެންސީން ތައްޔާރު ވަމުންދާއިރު ރާއްޖެ އޮތް ހާލަތު ވަރަށް ރަނގަޅަށް ސާފުވާކަމަށެވެ. ޤައުުމުގެ ދަރަނި 120 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު މިދަރަނިން ސަލާމްތާވާނެ ގޮތެއް ނޭގި މިސަރުކާރު ގޮތް ހުސްވެފައިވާކަމީ ފެންނަ މަޒަރުކަމަށެވެ. ނަމަވެސް ވެރިކަމާއި ހަވާލުވެ މިދަރަނި ދަންތުރައިން ރާއްޖެ ސަލާމަތް ކުރާނެ ޕްލޭން މިހާރު ވާނީ ރައްޔިތުންނާއި ހަމައަށް މެނިފެސްޓޯގެ ސިފާގައި ހުށަހަޅުއްވާފައިކަމަށް މުއިއްޒު ވިދާޅުވިއެވެ.
އިޤްތިޞާދު ނަގާ ކޮޅަށް ޖަހަން އެނގޭ. ދަރަނި ދަންތުރައިން ސަލާމަތް ކޮށްދޭނަން. އިޤްތިޞާދު ނަގާ ކޮޅަށް ޖެހުމަށްޓަކައި، އެންމެ ބޮޑަށް ކޮޅަށް ޖަހަން ޖެހިފައިވަނީ މަސްވެރިކަމުގެ ސިޔާސަތު. އެއާއިއެކު ފަތުރުވެރިކަން، އަދި އެނޫން އެތައްކަމެއް އިޤްތިޞާދު ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުވަނީ މިޖަލްސާގައި ދުވާފަރަށް މުހިންމު ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން އެރަށުގެ ތަރައްޤީގައި ރައްޔިތުން އެދޭ އެންމެ މުހިންމުކަންކަން ކޮށްދެއްވާނެ ކަމުގެ ވައުދު މުއިއްޒުވަނީ ވެވަޑައިގެންފައެވެ.
ދުވާފަރަށް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް:
– ދުވާފަރު ހިއްކި ބިމުގައި މަގުހަދާ ކަރަންޓާ ފެނާއި ގުޅާ، ހައުސިން މަޝްރޫޢު އަޅާދޭނަން
– ދުވާފަރުގައި ހޮސްޕިޓަލެއް ގާއިމް ކޮށްދޭނަން
– ތައުލީމީ ނިޒާމު ހަރުދަނާކޮށް ކިޔަވަން އަންނަ ކުދިންނަށް ދަނާލެއް ގާއިމް ކުރާނަން
– ބޭކިން ނިޒާމެއް ގާއިމް ކުރާނަން
– ކޯލްސްޓޯރޭޖް ފެސިލިޓީއެއް ޤާއިމް ކޮށްދޭނަން
– ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ޤާއިމް ކުރާނަން
މުއިއްޒު ވިދާޅުވީ ވެރިކަން ކުރައްވާނީ ރައްޔިތުންނާއި ގުޅިގެންކަމަށެވެ. ތަރައްޤީ ހާސިލް ކުރުމަށް ކުރަންޖެހޭ ކަންކަން ކުރާނީ ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުން އެދޭ ގޮތަކަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވަނީ ބާކީ އޮތް ދިހަ ދުވަހަކީ ރައްޔިތުން އެދޭ ތަރައްޤީ ހާސިލް ކުރުމަށް ވަރަށް ބޮޑެތި މަސައްކަތް ކުރަންޖެހޭ 10 ދުވަސްކަން ފާހަގަކޮށް ރައްޔިތުން ކެނޑިނޭޅި މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.