ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ބޭނުންކޮށްގެން ރާއްޖެ އަށް މުދާ އެތެރެކުރުމުގެ ތުހުމަތަށް ހައްޔަރުކުރި މަކަރާއި ހީލަތުގެ މައްސަލަތަކުގެ ރިކޯޑް އޮތް ހުސައިން ޝިފާއު ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފައިވާތީ އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފިއެވެ.
އޭނާ ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްފައި ވަނީ އޭނާ ބަންދުން ދޫކޮށްލުމުންނެވެ. ވަގު ޓީޓީ ބޭނުންކޮށްގެން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މޭވާ އާއި ތަރުކާރީ އެތެރެކޮށްފައިވާ ޝިފާއު އަކީ ޑޮލަރު ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެފައިސާ ނުދީ ފިލައިގެން އުޅޭ ކަމުގެ ތުހުމަތުގައި އޭޕްރީލް 18، 2021 ގައި ފުލުހުން ހޯދަން އިއުލާންކޮށްފައިވާ މީހެކެވެ.
ނުރައްކަލެއް ނެތް ކަމަށް ބުނެ ކޯޓުން އޭނާ މިދިޔަ މަހުގެ 27 ވަނަ ދުވަހު ދޫކޮށްލިއިރު، އޭނާގެ ބަންދުން ދޫކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ، ޝިފާއު މިހާރު އުޅޭ އެޑްރެސް ސާފް ކުރުމަށް ހައިކޯޓުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި ސިޓީގެ ޖަވާބުގައި މެއި 29 ވަނަ ދުވަހުން ރާއްޖެއިން ބޭރަށް އޭނާ ފުރިފަހުން ރާއްޖެ އައިސްފައިވާކަން އެނގެންް ނެތް ކަމަށް އޮތް ކަަމަށެވެ. އޭގެ ދެ ދުވަސް ތެރޭގައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އިން ވަނީ އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
އޭނާ ހާޒިރުކުރުމަށް ދިރިއުޅޭ އެޑްރެސް ސާފުކުރުމަށް ހައި ކޯޓުން ޕީޖީ އޮފީހުގައި އެދުނެވެ. ޝިފާއު މިހާރު މެއި 29، ގައި ރާއްޖޭން ބޭރަށް ގޮސްފައިވާ ކަން އެނގިފައިވާ ކަމަށް އެ އޮފީހުން ހައި ކޯޓަށް އެންގީ މިއަދުގައެވެ. އެހެންކަމުން ހައި ކޯޓުން މިއަދު ނެރުނު ހުކުމެއްގައި ވަނީ ރާއްޖޭން ބޭރުގައި ދިރިއުޅޭ އެޑްރެސް ޕީޖީ އޮފީހަށް ނޭނގޭތީ، އެ އެޑްރެސް ސާފުކުރުމަށް ފަހު މައްސަލަ އަލުން ކޯޓަށް ހުށަހަޅަން ޖެހޭ ގޮތަށް މައްސަލަ ނިންމީ ކަމަށެވެ.
އުމުރުން 37 އަހަރުގެ ހުސައިން ޝިފާއު، ފޭކް ޓީޓީ ދައްކައިގެން ރާއްޖެ އެތެރެކޮށް ވިޔަފާރިކުރަމުން ދިޔައީ މޭވާ އާއި ތަކުރާރީއެވެ. އެ މައްސަލާގައި ހިމެނޭ ފައިސާގެ ޖުމުލަ އަދަދު 123،844.54 އެމެރިކާ ޑޮލަރަކަށް އަރަ އެވެ. އެއީ 1،909،682ރ. އެވެ. އެ ފައިސާ ދައުލަތަށް ނެގުމަށް ޕީޖީ އޮފީހުން ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވެއެވެ. ޝިފާއުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ކޮމެންޓު ފޮނުވާ