މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން، އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ މާލެ، މ. ރޭއަލިވާގެއާގެ، އުމުރުން 41 އަހަރުގެ އަޙްމަދު ނަވްޝާދެވެ. ފުލުހުން މަޢުލޫމާތު ދޭގޮތުގައި، އިއްޔެ ހަވީރުގެ ވަގުތެއްގައި ނަވްޝާދު ބަންދު ގޮޅި ތެރެއަށް ވެއްޓިފައި އޮއްވާ ފެނިގެން ވަގުތުން ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޭނާ ވަނީ ނިޔާވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މީހަކު ނިޔާވުމުން، އެކަން ހިނގައިދިޔަ ގޮތާއި މަރުގެ އަސްލު ސަބަބު ކަށަވަރު ކުރުމަށްޓަކައި ޕޯސްޓްމޯޓަމް ހެދުމަށް މިހާރު ވަނީ ނިންމާފައެވެ. މީގެ އިތުރުން، މި މައްސަލަ ފުރިހަމައަށް ތަޙުޤީޤުކޮށް ބެލުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ވަނީ ރަސްމީކޮށް މަޢުލޫމާތު ހިއްސާކޮށްފައެވެ.
ކޮމެންޓު ފޮނުވާ