މޫސުން ގޯސްވުމުގެ ސަބަބުން އުތުރުގެ ރަައްތަކަށް ފޮނުވަން ޖެހޭ ވޯޓު ކަރުދާސް ފޮނުވުން ލަސްވެއްޖެއެވެ.
އިލެކްޝަަންސް ކޮމިޝަނުން ނިންމާފައިވަނީ މިއަދުން ފެށިގެން އަތޮޅުތަކަށް ވޯޓު ކަރުދާހައި، ވޯޓުލާ މަރުކަޒަށް ބޭނުންވާ ސާމާނުތައް ފޮނުވުމަށެވެ. މިއަދު ވޯޓު ކަރުދާސް ފޮނުވުމަށް ނިންމީ އިތުރުގެ އަތޮޅުތަކަށެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މޫސުން ގޯސްވުމުން ވޯޓު ކަރުދާސްތައް ނުފޮނުކަމަށެވެ.
އުތުރުގެ އަތޮޅުތަކަށް މިއަދު ފޮނުވަން ނިންމާފައިވާ ވޯޓުލާ މަރުކަޒުތަކަށް ފޮނުވާ ތަކެތި، މޫސުން ގޯސްވުމުގެ ސަބަބުން، ފަތިހު ފޮނުވޭގޮތެއްނުވި. ލޯންޗުތަކަށް ބަރުކުރި ހުރިހާ ސާމާނެއް އަނބުރާ އީސީ އަށް މިހާރުވަނީ ގެނެވިފައި.
– ހަބީބް ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ އަތޮޅު ތެރެއަށް ގެންދާ ތަކެއްޗާ ހަވާލުވަނީ ސިޓީ ކައުންސިލް ނުވަތަ އަތޮޅު ކައުންސިލުގެ އިދާރާ އިން ކަމަށެވެ. އަތޮޅު ތެރެއަށް ފޮނުވާ ތަކެތި ވަކިވަކި ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ފަށަނީ ކުރިއަށް އޮތް ސެޕްޓެންބަރު ހަވަނަ ދުވަހު ކަމަށްވެސް ވިދާޅުވިއެވެ. ވޯޓުލާ މަރުކަޒުތަކަށް ފޮނުވާ ހުރިހާ ތަކެއްޗެއްގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށް އެކަން އެގޮތުގެ މަތިން ކުރިއަށްދާނެ ކަމަށް ހަބީން ވިދާޅުވިއެވެ.
ކޮންމެ ފޮއްޓަކަށް ފޮނުވާނީ، އެފޮއްޓަކަށް ވޯޓުލާ މީހުންގެ އަދަދަށްވުރެ 1 އިންސައްތަ ކަރުދާސް އިތުރުކޮށެވެ. އެއީ ޤާނޫނުގައި އެކަން ހަމަޖެހިފައި އޮންނަ ގޮތެވެ. އިލެކްޝަންސް ކޮމިޝަނަށް ހުށައެޅި ޝަކުވާތަކާއި، ރީ-ރަޖިސްޓްރޭޝަންގެ މަރުހަލާތަކަށްފަހު ވޯޓުލާ މީހުންގެ ފައިނަލް ލިސްޓް ޢާންމު ކުރެއްވިއިރު ވޯޓު ދިނުމުގެ ހައްގު ލިބެނީ 282،395 މީހުންނަށެވެ. އަދި މިފަހަރުގެ އިންތިޚާބުގައި އަލަށް 27000އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.
އަންނަމަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި 574 ވޯޓުލާ މަރުކަޒު ހުންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މިއީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ވޯޓު ފޮށި ބަހައްޓާ އިންތިޚާބެވެ. މިއިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި މަންދޫބުންގެ ހައިސިއްޔަތުން ހަރަކާތްތެރިވުމަށް 1،700 އަށްވުރެ ގިނަ މީހުންގެ ފޯމު ވަނީ އިލެކްޝަނަށް ހުށަހަޅާފައެވެ.
ރާއްޖޭގެ ގާނޫނޫ އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މިއީ އެންމެ ގިނަ ކެންޑިޑޭޓުން ރައީސުލްޖުމްހޫރިއްޔާކަމަށް ވާދަކުރައްވާ ފަހަރެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ 6 ކެންޑިޑޭޓުންނެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނިކުމެވަޑައިގަތް 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.