ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރަން ޖެހޭ ކަމަށާއި ދެވަނަ ބުރަކަށް ހިނގައްޖެ ނަމަ ގައުމު ވަރަށް ބޮޑަށް ހަލަބޮލިވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާލުވި ވާހަކަފުޅަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރައްދު ދެއްވައިފިއެވެ.
ކެމްޕެއިންގައި ތ.ކިނބިދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވަނީ އިންތިޚާބު އެއްބުރުން ނިންމަންޖެހޭކަމަށާއި، ދެވަނަ ބުރަކަށް ގޮސް އަނެއްކާވެސް ބޮޑު ހަލަބޮލި ކަމަކަށް މި ރާއްޖެ ގޮސްދާނެކަމަށެވެ.
ރައިސްގެ އެވާހަކަފުލަށް ރައްދުދެއްވަމުން ރައީސް ޞާލިޙްގެ ކުރީގެ އެންމެ ގާތް ރަޙްމަތްތެރިޔާ ރައީސް ނަޝީދު ވިދާޅުވީ، އިންތިޚާބާއި ގުޅުންހުރި ހުރިހާ ކަމެއް ފުލުހުން އަބަދުވެސް ބަލަމުންދާނެކަމަށެވެ. އެގޮތުން ކެމްޕެއިންތަކަށް މީހުން ދާވަރާއި ތަކުރާރުކޮށް ކެމްޕެއިންގައި ބައިވެރިވާ މީހުންނާއި ރަށްރަށް ކެމްޕެއިންނަށް މީހުން ދާ ޢަދަދުތައް ބަލައި އެކަން ރައީސަށް ފުލުހުން އަންގަމުން ދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ފުލުހުންނާ ސިފައިންނަށް އެނގޭނެ މިރޭ މިތާ ތިބީ ކިތައް މީހުންކަން. ހަގީގީ ޢަދަދު އެނގޭނެ. ޕާޓީތަކުން ދައްކާ މަންޒަރުވެސް އެބޭފުޅުން ހޯދާނެ. އެބޭފުޅުންނަށް އެނގޭނެ. ކޮންމެ ޖަލްސާއަކަށް ތަކުރާރުކޮށް ދަނީ ކޮންބައެއްކަންވެސް. ކޮންމެ ރަށަކަށް ދަޢުވަތު ދީގެން މީހުން އަރުވާ މިންވަރަކީ ކޮބައިތޯ. މިއ ެންމެ މަޢުލޫމާތަކީވެސް ރާއްޖޭގެ ޒަމާންވީ މުއައްސަސާތަކަށް އިދާރާތަކަށް ވަރށް ސާފުކޮށް އެނގެމުން އަންނަމަޢުލޫމާތުތަކެއް. އަދި އެ އިރެއްގައި ހުރި ވެރިއެއްގެ ގާތުގައި އެ މަޢޫލޫމާތު، އެ ވާހަކަތައް ދައްކަމުން ދާނެ.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ދެވަނަ ދައުރަކަށް ނުގޮސްސިނަމަ ހަމަނުޖެހުން އުފެދިދާނެކަމަށް ރައީސް ޞާލިޙް ވިދާޅުވާ ވަހަކފުޅާމެދު ކަންބޮޑުވާކަމަށެވެ. ރައީސް ޞަލިޙް އެ އުޅުއްވަނީ ހަމަނުޖެހުން އުފެއްދުމަށްކަމަށް ތުހުމަތުކުރައްވާ ނަޝީދު ވިދާޅުވީ އެ ޖާގަ ނުދެއްވާނެކަމަށެވެ. އމާން އިންސާފުވެރި އިންތިޚާބެއްކަން ކަށަވަރުކުރައްވާނެކަަމށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިހެން މިކަން އޮއްވާ ދެވަނަ ދައުރަކަށް ނުގޮއްސިއްޔާ ހަމަނުޖެހުން އުފެދިދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއްޔާ އަޅުގަނޑު ކަންބޮޑުވޭ.އެ އުޅުއްވަނީ ހަމަނުޖެހުން އުފައްދަވަން. އެ ޖާގައެއް ނުދޭނެނަ. އަޅުގަނޑުމެން އިންސާފުވެރި އަމާން އޮމާން އިންސާފުވެރި އިންތިޚާބެއް އިރާދަކުރެއްވިއްޔާ ގޮސް ނިންމާނަން. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަޅުގަނޑުމެން ބަލިކުރާނަން. އެބޭފުޅާ ބޮޑުކޮށް ބަލިކުރާނަން.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ކިނބިދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ، ދެވަނަ ބުރަކަށް ގޮސް އަނެއްކާވެސް ބޮޑު ހަލަބޮލި ކަމަކަށް މި ރާއްޖެ ގޮސްދާނެކަމަށެވެ. އެ ފުރުސަތު ނުދެއްވުން އެއީ ވިސްނަން ޖެހޭ ކަމެއްކަމށާއި، އެއަށް އެނބުރި ގޮއްސިއްޔާ ދެން ވެދާނެ ގޮތް ހީވެސް ނުކުރާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.