ކޯރަމް ހަމަނުވެ މަޖިލީހުގެ ޖަލްސާ ނުބޭއްވުނު

ކޯރަމް ހަމަނުވެ މަޖިލީހުގެ ޖަލްސާ ނުބޭއްވުނު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން މިއަދުގެ ޖަލްސާއަށް ވަޑައި ނުގެންނެވުމުން ޖަލްސާ ބޭއްވޭ ގޮތެއް ނުވިއެވެ.

ވެރިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުގެ މަސައްކަތްތައް މިއަހަރުގެ ދެވަނަ ދައުރާ ހިސާބުން އޮތީ ގާތްގަނޑަކަށް ހުއްޓިފައެވެ. މަޖިލިސް ހުއްޓުމަކަށް އައީ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅި ހިސާބުން އުފެދުނު ހައިޖާނެއް ގައެވެ.

އާ ޕާޓީ ހެދުމުގެ މަސައްކަތް ފެށުމާއި އެކު، އެކަމުގައި އިސްކޮށް އުޅުއްވި މެމްބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުވިދާޅުވާން ފެށުމާއި ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު އަމަލުކުރައްވާ ގޮތާ މެދު އެމްޑީޕީން ހިތްހަމަ ނުޖެހި، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިއެވެ. މަޖިލީހުގެ ނައިބުރައީސް އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް އެމްޑީޕީން ހުށަހެޅިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 އެވެ. ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ ކޯރަމަކީ 22 މެމްބަރުންނެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖަލްސާގެ ވަގުތު ހަމަވި އިރު ވެސް ކޯރަމް ހަމަވާ ވަރަށް މެމްބަރުން ނެތް ކަމަށެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވީ 13 މެމްބަރުންނެވެ.

އެހެންވެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށް ނިންމައި ރައީސް ނަޝީދު ޖަލްސާ ނިންމާލެއްވިއެވެ. މިއަދުގެ ޖަލްސާއަށް އެެޖެންޑާ ކޮށްފައި އޮތީ މަޖިލީހުގެ މެމްބަރުން ހިމެނޭ ދާއިމީ ކޮމިޓާތައް އެކުލަވާލުމުގެ މަސައްކަތެވެ.

މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދިޔަ އިރު މިދިޔަ ބުދަ ދުވަހު ބާއްވަން އޮތް ޖަލްސާ ވެސް ނުބާއްވައެވެ. އެއީ ކޮމިޓީތައް އެކުލަވާލަން ޕާޓީތަކަށް ވަގުތު ދިނުމަށް ކަމަށް ބުނެއެވެ. މަޖިލީހުގެ ނިމިގެން ދިޔަ ދައުރު ޖޫން 22ގައި ނިންމައި ޗުއްޓީއަށް ދިޔަ ފަހުން އަލުން ޖަލްސާތައް ފެށީ މިދިޔަ ހޯމަ ދުވަހުއެވެ.

އެ ދުވަހު ޖަލްސާގައި އެޖެންޑާކޮށްފައި އޮތީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެެކުލަވާލުމުގެ މަސައްކަތެވެ. ނަމަވެސް އެމްޑީޕީން ވަކިވެ އަލަށް އުފެއްދި އެ ޕާޓީއާ ގުޅިވަޑައިގަތް ބޭފުޅުންގެ ތެރެއިން އެކަން މަޖިލީހަށް އެންގެވީ އެންމެ ތިން މެމްބަރުން ކަމަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ނަޝީދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *