2018ގެ ރިޔާސީ އިންތިޚާބުގައި އޮޅުވާލައިގެން އިންތިޚާބު ކާމިޔާބުކޮށް ހެދި މަކަރު ހަދަން މިފަހަރުގެ އިންތިޚާބުގައި ޖާގަ ނުދޭނެކަމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.
ތިނަދޫގައި މިރޭބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާ ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ބޮޑެތި އޮޅުވާލުން އޮޅުވާލައި މަކަރާއި ހީލަތް ހެދިކަމީ ދިވެހި ރައްޔިތުން ގަބޫލު ކުރާ ހަގީގަތެއް ކަަމަށެވެ. އެކަމުގައި އޭރު އެންމެ ބޮޑު ދައުރެެއް އަދާކުރީ އިލެކްޝަނަސް ކޮމިޝަނުން ކަމަށާއި، މިފަހަރުގެ އިންތިޚާބުގައި އެކުޅިވަރު ކުޅެން ނޫޅުމަށް ޝުޖާ ވަނީ ގޮވާލާފައެވެ.
އަޅުގަނޑުމެންގެ ކޮމާންޑް ސެންޓަރުކަމަށް މައުލޫމާތު ލިބޭ ބޭރުގައި ބަހައްޓާ ވޯޓުފޮށިތަކަށް ރީ-ރަޖިސްޓްރީ ނުކޮށް ވޯޓު އަޅަން އުޅޭ ވާހަކަ. ޚާއްސަކޮށް އިންޑިއާގައި ބަހައްޓާ ވޯޓުފޮށިތަކަށް. މިކަން ކުރަން ނޫޅޭތި. އަޅުގަނޑުމެން މިތިބީ ވަރަށް ފާރަވެރިވެ ބަލަން. އެފުރުސަތެއް އަޅުގަނޑުމެން މިފަހަރަކު ނުދޭނަން.
– ޝުޖާ ވިދާޅުވިއެވެ.
ޝުޖާ ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ޑރ.މުއިއްޒަށް ލިބިވަޑައިގެންފައިވަނީ އެންމެ 28 ދުުވަސް ކަމަށެވެ. މިސަރުކާރުން މިވީ ފަސް އަހަރު ކެމްޕޭން ކުރަމުންދާއިރުވެސް ޑރ.މުއިއްޒު މިހާރު ވަޑައިގެންނެވި ރަށްތަކުންނާއި މުޅި ރާއްޖެއިން އެއް އަޑަކުން ގޮވަމުންދަނީ މިސަރުކާރު ބަދަލުކޮށް ޑރ.މުއިއްޒު އިންތިޚާބު ކުރުމަށް ކަމަށް ޝުޖާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިފަސް އަހަރުގައި އެންމެ ބޮޑު އަނިޔާއެއް ލިބުނީ ޕީޕީއެމްގެ އާންމު މެމްބަރުންނަށް ކަމަށެވެ. ރައީސް ޔާމީނަށް އެއްވެސް އިންސާނިއްޔަތު ކަމެއްނެތި ދެމުންދާ އަނިޔާތަކާއި ދެކޮޅަށް މަގުމަތީގައި ފަސް އަހަރު ތިބި ޕީޕީއެމް، ޕީއެންސީގެ ޢާންމު މެމްބަރުންގެ ހިތްދަތިކަމާއި މާޔޫސްކަމަށް އަންނަ މަހުގެ 9 ވަނަ ދުވަހު ނިމުން ގެނެވޭނެކަމުގެ ޔަގީންކަން އޮތްކަމަށް ޝުޖާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި މިކުރި ދަތުރުތަކުން މިފަސް އަހަރު ސަރުކާރުން ކަންކަން ކޮށްފައިވާ ގޮތުން ރައްޔިތުންގެ މާޔޫސްކަމާއި ހިތްދަތިކަން ސާފުވެފައި ވާކަމަށެވެ.
ޑރ.މުއިއްޒު ވެރިކަމަށް އަންނަނީ އެކަން ބަދަލުކޮށް ހެޔޮ ވެރިކަމުގެ ނިޒާމެއް ޤާއިމް ކުރުމަށް ކަމަށް ޝުޖާ ވިދާޅުވިއެވެ.