ރާއްޖޭގެ އެންމެ ދުވަސްވީ އެއާޕޯޓްތަކުގެ ތެރޭގައި ހިމެނޭ ކާޑެއްދޫ އެއާޕޯޓަކީ ހުވަދު އޮތޮޅުގެ ރައްޔިތުން އުންމީދު ކުރާ ފެންވަރުގެ އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީކޮށް، ޓޫރިޒަމް ފުޅާކޮށް 10،000 އެނދު ހުވަދުއަތޮޅުގައި ޤާއިމް ކޮށްދެއްވާނެކމަަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފިއެވެ.
ރިޔާސީ ކެމްޕޭންގައި ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިހާރު ކާޑެއްދޫ އެއާޕޯޓު ހިންގުން ހަވާލުކޮށްފައިވާ ކުންފުންޏާ އެކީގައިވިޔަސް އެ އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ހުވަދު އަތޮޅުގެ ރައްޔިތުން އަދި ޚާއްޞަކޮށް ތިނަދޫ ރައްޔިތުން ބޭނުންވާ ގޮތަށް އެ އެއާޕޯޓު ތަރައްޤީކުރައްވާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މި ރަށުގެ ތަރައްޤީއަށް ބަލާއިރު، ކާޑެއްދޫގެ އެއަރޕޯޓް ތަރައްޤީވާން އެބަ ޖެހޭ. އެއަރޕޯޓް އެގްރީމަންޓް ކުރެވިފައިވާ ފަރާތާއި އެކީގަވިޔަސް ކުރިއަށް ގޮސް އިރާދަކުރެއްވިއްޔާ އެ އެއަރޕޯޓް ތިޔަ ބޭފުޅުން އެދޭފަދަ، ތިޔަ ބޭފުޅުން ތިޔަ ދެކިލައްވާފަދަ ތަނަކަށް އެތަން ބަދަލުކޮށްދޭނަން.
– ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ ހުވަދޫ ފަތުރުވެރިކަން އެހެން މިސްރާބަކަށް ގެންދިއުމަށްޓަކައި މުޅި ހުވަދުއަށް ފަތުރުވެރިކަމުގެ ދާއިރާއިން މިހާރަށްވުރެ ބޮޑު ކުރިއެރުން އަންނަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން "ދިވެހިންގެ ރާއްޖެ" މެނިފެސްޓޯގެ ތަސައްވުރަކީ މިހާރު ހުރި އެނދު ހިމެނޭހެން އެނދު އިތުރުކޮށް 10،000 އެނދު ހުވަދޫގައި ޤާއިމުކުރެއްވުން ކަމުގައިވެސް މުއިއްޒު ވިދާޅުވިއެވެ.
ހުވަދު އަތޮޅަށް (ހުވަދު އަތޮޅު ދެބުރި އެއްކޮށް) އަންނަންޖެހޭ ޓޫރިޒަމްގެ ކުރިއެރުން މިހާރަށް ވުރެ މާ ބޮޑަށްވެސް އަންނަންޖެހޭ. އަޅުގަނޑުމެންގެ މެނިފެސްޓޯގައި ތަޞައްވުރު ކުރެވިފައިވާނީ މިހާރު ހުރި މިންވަރުން އިތުރުކުރެވިގެން ގޮސް 10،000 އެނދު މިއަތޮޅަށް އަންނަންޖެހޭ ކަމަށް. އެހެންވީމާ، އެ މިންވަރަށް އިތުރު ކުރުމަށްޓަކައި އިންވެސްޓްމަންޓުތަކަށް ފުރުޞަތު ދީ، ހުވަދު އަތޮޅަކީ ޓޫރިޒަމްގެ މައި ހަބަކަށް ހެދުމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނެ ކަމެއް.
– ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އަދި މިހާރު އިއުލާނުކޮށްފައިވާ މެނިފެސްޓޯގެ އާބަނައިޒޭޝަން ޕްލޭނުގައި ދެކުނުގެ ހަތަރު އަތޮޅެއް އެއްކޮށް ދެކުނުގެ ތަރައްޤީގެ ސަރަހައްދު ތަރައްޤީކުރަން ހިމަނާފައިވާކަން މުޢިއްޒު ފާހަގަކުރެއްވިއެވެ. އެ ޕްލޭނުގައި ހުވަދު އަތޮޅުގެ ދައުރު ބޮޑުކަމަށާއި އުމްރާނީ ތަރައްޤީގެ ހުވަފެންތަކުގެ ވަރަށް ބޮޑެތި ކުރިއެރުން އެ ޕްލޭނުން ލިބޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަސްވެރިކަމުގެ ދާއިރާއިން މުޢިއްޒު ފާހަގަކުރެއްވި އެންމެ މުހިއްމުކަމަކީ މަސްވެރިންނަށް ބޭނުންވާ ޑިކޮމްޕްރެޝަން ސެންޓަރެއް ހުވަދޫގައި ޤާއިމުކުރެވުމެވެ. ތިނަދޫގެ ޞިއްޙީ ނިޒާމު ވަރުގަދަކުރުމަށް ހޮސްޕިޓަލް އަޕްގުރޭޑުކުރެވި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ހައްދަވާނެ ކަމަށާއި، އެއާ އެއްފެންވަރަށް ސިޓީއަކާ އެކަށޭނެ މިންވަރަށް ތިނަދޫގެ ތައުލީމީ ވަސީލަތްތައްވެސް ތަރައްޤީކުރައްވާނެ ކަމުގައި ޑރ.މުޢިއްޒު ވިދާޅުވިއެވެ.