ރާއްޖޭގެ ރައްޔިތުންނަށް ހައްޖަށް ދިއުމުގެ މަގު ފަހިކުރުމަށް ރައީސް ޔާމިންގެ ސަރުކާރުގައި އުފެއްދި ހައްޖު ކޯޕަރޭޝަން ރަގަޅުގޮތުގައި މިއަދާހަމައަށް ތަރައްގީވެގެން އައިނަމަ، އޭރު ގެންގުޅުއްވި ތަސައްވުރަކީ ސައުދީ އަރަބިއާގައި ދިވެހިންނަށް ޚާއްސަ ހޮޓަލެއް ބިނާކުރުން ކަމުގައި، ކުރީގެ އިސްލާމިލް މިނިސްޓަރު އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޓިކެޓުގައި ވާދަކުރައްވާ ޑރ. މުއިއްޒުގެ ރިޔާސީ ކެމްޕޭންގައި މިރޭ ފުވައްމުލަކުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، ރައީސް ޔާމިންގެ ވެރިކަމުގައި އުފެއްދި ހައްޖު ކޯޕަރޭޝަންގެ ބާނީއަކީ އޭނާކަމަށާއި، ހައްޖު ކޯޕަރޭޝަން އުފެއްދި މަގުސަދު ހާސިލްވިނަމަ ދިވެހިންނަށް މިއަދު 30،000 ރުފިޔާއަށް ހައްޖަށް ދެވޭނެ ކަމުގައެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ކެމްޕޭން ޖަލްސާތަކުގައި ޑރ. މުއިއްޒު ދައްކަވާ ވާހަކަތަކުން ގޭގައި ނުއޮންނެވޭ ކަމަށާއި، ޑރ. މުއިއްޒު ވެގެންދާނީ ދިވެހިރާއްޖޭގެ އުރުދުގާން ކަމުގައި ކަމުގައެވެ.
މިގޮތުން ޑރ. ޝަހީމް ވިދާޅުވީ ޑރ. މުއިއްޒުއަކީ ރާއްޖެއަށް މިހާރު ބޭނުންވާފަދަ އިލްމީ ބޭފުޅެއް ކަމަށާއި، ޑރ. މުއިއްޒުގެ ރަނިންމޭޓަކީވެސް އިލްމު ހާސިލްކޮށްގެން ހުރި ތައުލީމީ ބޭފުޅެއް ކަމުގައެވެ.
މިރޭގެ ޖަލްސާގައި ޑރ. ޝަހީމް ވިދާޅުވީ މިހާތަނަށް ސިޔާސީ ހަރަކާތްތަކުން ފެނިލުން މަދުވީ ބައްޕާފުޅު ބަލިވެ، ގޭގައި މަޑުކުރައްވަން ޖެހިވަޑައިގަތުމުން ކަމަށާއީ، އެހެންނަމަވެސް މެލޭޝިއާގައި ތައުލީމު ހާސިލްކުރެއްވުމަށްފަހު އޭނާގެ ކޮއްކޮ އެނބުރި މާލެ އައުމުން، މިރޭ ފުވައްމުލަކުގައި ބާއްވާ ޖަލްސާގައި ބައިވެރިވުމަށް ފުރުސަތު ލިބިގެން ދިޔައީ ކަމަށެވެ.
ރާއްޖޭގެ ތިން ވަނައަށް އެންމެ ބޮޑު އާބާދީ ފުވައްމުލަކު ސިޓީގައި މިރޭ ބޭއްވި ފޯރިގަދަ ޖަލްސާގައި އެރަށުގެ ޕީޕީއެމްއިން ވަނީ، ތަރައްޤީގެ މާލިމީކަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އަރުވާ، ތަރައްޤީގެ އުންމީދުތައް ޑރ.މުއިއްޒާއި ހަވާލު ކުރައްވައިފިއެވެ.
ފުވައްމުލަކުގައި މިރޭ ބޭއްވި ފޯރިގަދަ ޖަލްސާގައި މި މާލިމީކަން މުއިއްޒުއަށް އެރުވީ ފުވައްމުލަކުން އަލަށް ވޯޓުލެވޭ ޒުވާނުންނެވެ. މުއިއްޒު ވިދާޅުވީ ފުވައްމުލަކުން މިއަދުކީ ހޫނު މަރުހަބާއަކީ މިރިޔާސީ އިންތިޚާބުގައި ވަޑައިގެންނެވި ރަށްތަކުގެ ތެރެއިން ލިބުނު އެންމެ ހޫނު މަރުހަބާ ކަމަށެވެ. އެކަމަށްޓަކައި ވަރަށް ބޮޑަށް މުއިއްޒު ވަނީ ޝުކުރު ދަންނަވާފައެވެ.