މުއިއްޒުގެ އެއް ވައުދަކީ ކަފާލާތުގެ ގާނޫނެއް ވުޖޫދަށް ގެނައުން!

މުއިއްޒުގެ އެއް ވައުދަކީ ކަފާލާތުގެ ގާނޫނެއް ވުޖޫދަށް ގެނައުން!

Author
އަހުމަދު
25 އޮގަސްޓް 2023 12:44
0

އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ވެރިކަމަށް ވަޑައިގެންފި ނަމަ، ބެއިލް ނުވަތަ ކަފާލާތުގެ ގާނޫނެއް އެކުލަވާލައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ށ. އަތޮޅާއި ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ނ. ވެލިދޫއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ކަފާލާތަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އޮންނަ ފުރުސަތެއް ކަމަށެވެ. ކަފާލާތުގެ ގާނޫނެއް ތައާރަފުކޮށް، އެކަމުގެ ނަފާ އެންމެ ފުރިހަމައަށް ލިބޭނެ ގޮތަކަށް ބައްޓަން ކުރުމަކީ ޝަރުއީ ދާއިރާ ރިފޯމް ކުރުމަށް ހުށަހަޅާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެންމެ ފުރަތަމަ ޕީޕީއެމް/ޕީއެންސީން ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ރައީސް ޔާމީނަކީ ފެހި ގާނޫނުއަސާސީގެ ދަށުން މިހާތަނަށް އައިއިރު، ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ހަމައެކަނި ބޭފުޅާއެވެ.

އެކަމަކު، ވ. އާރަށް މައްސަލައިގައި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ސާބިތު ދަރަންޏެއް އޮތް މައްސަލައިގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ޔާމީނަށް ގެއްލުނެވެ.

ހުކުމް ތަންފީޒުކުރާ މީހުންނަށް ކަފާލާތު ދިނުމާ ބެހޭ ގާނޫނެއް ރާއްޖޭގައި މިހާރު ނެތެވެ. ކަފާލާތުގެ ދަށުން ޔާމީން ދޫކޮށްލަން މީގެކުރިން އެމަނިކުފާނުގެ ވަކީލުން ކޯޓުތަކުގައި އެދިވަޑައިގެންނެވި ނަމަވެސް އެ ފުރުސަތު ކޯޓުތަކުން ދީފައެއް ނުވެއެވެ.

މުއިއްޒު ވިދާޅުވީ ރަށްރަށުގައި ރައްޔިތުންނަށް އިންސާފަށް ވާސިލް ވުމަށް ހުރި ހުރަސްތައް ނައްތާލުމަށް، ކޯޓުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ ކަންކަން ރާވައިފައިވާ ކަމަށެވެ. އަދި ޑްރަގް ކޯޓުގެ ހިންގުން ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަވާނެ ކަމަށް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ޑްރަގް ރިހިބިލިޓޭޝަން މިހާރު ކުރިއަށް މިގެންދާ ގޮތުގެ ފެންވަރު ރަނގަޅުކުރެވެން ޖެހޭ ކަމަށެވެ. އެފަދަ ސެންޓަރުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމް ކުރައްވާ އިރު، އެ ތަނުން އެއް ސެންޓަރު ވެލިދޫގައި ގާއިމު ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.