ވިހަފަރުގައި އެއާޕޯޓު އަޅާނެ ކަމުގެ އުންމީދު މުއިއްޒު ދެއްވައިފި

ވިހަފަރުގައި އެއާޕޯޓު އަޅާނެ ކަމުގެ އުންމީދު މުއިއްޒު ދެއްވައިފި

ގުޅުންހުރި

ވެރިކަމަށް ވަޑައިގެންފި ނަމަ، ނ. ވެލިދޫ ކައިރީގައި އޮންނަ ނ. ވިހަފަރުގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުގައި ވެލިދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ނ. އަތޮޅަކީ ފަތުރުވެރިކަމުގައި ވަރަށް ކުރިއަރައިގެން ދާނެ ސަރަހައްދެއް ކަމަށެވެ.

ޕީޕީއެމް/ޕީއެންސީގެ ސިޔާސަތަކީ ކޮންމެ 30 މިނެޓަކުން ލޯންޗެއްގައި ދެވޭހާ ކައިރީގައި އެއާޕޯޓެއް އޮތުން ކަމަށްވާ އިރު، ވެލިދޫން ފުރައިގެން އެންމެ ކައިރިން އެއާޕޯޓަކާ ހަމައަށް ދެވެނީ 35 މިނެޓު ހޭދަކޮށްފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން އެންމެ ރަނގަޅީ ވިހަފަރުގައި އެއާޕޯޓެއް އެޅުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް އެ ފަޅަކީ ރިސޯޓެއްގެ ގޮތުގައި ބަޔަކާ މިހާރު ހަވާލުކޮށްފައިވާ ފަޅެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ ފަޅު ގާނޫނީ ހަމަތަކުގެ މަތިން އެ އޮންނަ އުސޫލަކުން ބަދަލު ކުރެވޭތޯ މަސައްކަތް ކުރުމަކީ ކުރެވޭނެ ކަމެއް ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ މި ހުރަސް އެބައޮތޭ. އެހެންވީމަ އެކަމަށް ފުރަތަމަ ކަމަކަށް ޖެހޭނީ ބަލަން. ބަލާފައި އެކަން ރޫޅާލެވިއްޖެއްޔާ، ރޫޅާލެވޭތޯ މަސައްކަތްކޮށް އެ ފަރު ސަލާމަތްކޮށް، އެއާޕޯޓު އެޅޭތޯ މަސައްކަތް ކުރާނަން،" މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި ހުރި ފަޅުތަކާއި ފަރުތައް މި ސަރުކާރުން އެކި ފަރާތްތަކަށް ދީފައިވާ އިރު، މިކަމުގެ ސަބަބުން ރާއްޖޭގެ ތަރައްގީ އަށް ވަރަށް ގިނަ ހުރަސްތައް ކުރިމަތިވެފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ނ. އަތޮޅުގެ ރަށްތަކަށް ވެވަޑައިގެންނެވި ވައުތަކުގެ ތެރޭގައި ގެދޮރުގެ މައްސަލަ ހައްލު ކުރުމާއި ކުނި މެނޭޖް ކުރުމާއި ސިއްހީ މަރުކަޒު ތަރައްގީ ކުރުމާއި ސްކޫލްގެ ޖާގަ އިތުރު ކުރުމާއި ކުޅިވަރު ވަސީލަތްތައް ގާއިމު ކުރުން ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *